ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަށް ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ހަންނާނަކީ ސަރުކާރުގެ އެންގުމަށް މީގެކުރިން ވެސް އެފަދަ ބިލެއް ހުށަހެޅުއްވި މެންބަރެކެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ހުށަހެޅި އެ ބިލްގައިވާގޮތުން އެ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން "ހުރިހާ"އަށް ކިޔައިންގޮތުގައި އެ ބިލަކީ ނާޒިމް ޑްރާފްޓް ކުރުމަށްފަހު ހަންނާނާ ހަވާލުކޮށް އޭނާ ލައްވައި ހުށަހެޅި ބިލެއް ކަމަށެވެ.
އެ ބިލް ޕީއެންސީގެ މަޖިލިސް މެންބަރެއްގެ ނަމުގައި ހުށަހަޅައިފިނަމަ ޕާޓީއަށް ގެއްލުންވެދާނެތީ އެފަދަ އެހެން މެންބަރަކު ލައްވައި އެ ބިލް ހުށަހެޅުއްވުމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ނާޒިމަށް އިރުޝާދު ދީފައިވާ ކަމަށް އެ މެންބަރުން ކިޔައިދިނެވެ.
އެގޮތުން ފުރަތަމަ މަސައްކަތް ކުރީ މިކަން އިދިކޮޅު އެމްޑީޕީގެ ބޮލުގައި އަޅުވަން އެ ޕާޓީގެ މެންބަރަކާ ޑީލް ހަދައިގެން ބިލް ހުށަހެޅުމަށް ކަމަށާއި ނާޒިމް ވާހަކަދެއްކި އެމްޑީޕީ މެންބަރު އެކަމަށް ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް "ހުރިހާ"އާ ވާހަކަދެއްކި ޕީއެންސީގެ މަޖިލިސް މެންބަރުން ކިޔައިދިނެވެ.
ރައީސް މުއިއްޒަށް މީޑިއާގެ ކޮންޓްރޯލް ނެގޭގޮތަށް ފަރުމާކޮށްފައިވާ އެ ބިލްގައިވާގޮތުން މީޑިއާ ކޮމިޝަނުގެ ރައީސް އައްޔަންކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއެވެ.
"ވަރަށް ގިނަ ދުވަސްވެއްޖެ ނާޒިމްް އެ މަސައްކަތް ކުރައްވަމުން ގެންދަވާތާ. ރައީސް މުއިއްޒާއި ދެ ބޭފުޅުން ގުޅިގެން އެ މަސައްކަތް ކުރިއަށްގެންދެވީ،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.
މީގެކުރިން ހަންނާނު ލައްވައި މިފަދަ ބިލެއް ހުށަހެޅުމުން މީޑިއާތަކުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރުމުން ހަންނާން ވަނީ އެ ބިލް އަނބުރާ ގެންދަވާފަ އެވެ.
މީގެކުރިން ނާޒިމް ވެސް ވަނީ އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.