ރޯދަ މަހުން އެއްދުވަސް ފާއިތުވެ ދިޔައީ އެވެ. ދުނިޔޭގެ މުސްލިމުންނަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ ބަޔަކަށް ވާއިރު އެކި ހިސާބުތަކުގައި އިރު އަރާ އޮއްސޭ ގަޑިއާއި ދުވަހުގެ ދިގުމިން ތަފާތު ވުމުގެ ސަބަބުން ރޯދަ ހިފަން ޖެހޭ ދިގުކުރު މިން ވެސް ވަރަށް ތަފާތެވެ. ރޯދަ ހިފަންޖެހޭ ދިގުމިން ބިނާ ވެފައި އޮންނަނީ އެމީހަކު އުޅޭ ގައުމެއް އޮންނަ ހިސާބަކާ އެވެ. ރާއްޖެއަކީ ދުނިޔޭގެ ދެބައި ހަމައިގައި އޮންނަ ގައުމަކަށް ވުމުން އަހަރުގެ އެކި ހިސާބުގައި ރޭ ދުވާލުގެ ދިގު ކުރުމިނަށް މާބޮޑު ބަދަލެއް ނާދެ އެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ރޯދަ ހިފާ އުޅޭ ދިގު މިނަކީ 14 ގަޑި އިރެވެ.

މިއަހަރު ދުނިޔެގައި އެންމެ ކުރުކޮށް ރޯދަ ހިފާނީ ނިއު ޒީލޭންޑާއި ސައުތު އެމެރިކާގެ ބައެއްގައުމު ތަކުގަ އެވެ. އެ ގައުމުތަކުގައި ގާތްގަނޑަކަށް 11 ގަޑިއިރު ރޯދަ ހިފަން ޖެހެ އެވެ. ތިރީގައި މިވަނީ މިއަހަރު ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ރޯދަ ހިފާ އުޅޭ ދިގުމިނެވެ.

އެފްރިކާ

އެފްރިކާގެ މުސްލިމް ގައުމުތަކުގެ ތެރެއިން މިއަހަރު ރޯދަމަހުގެ ދުވަސްތައް އެންމެ ދިގުވާނީ މޮރޮކޯ އަށާއި މިސްރަށެވެ. އެ ދެ ގައުމުގައި ރޯދަމަހުގެ ދުވަސްތަކުގެ ދިގުމިން އުޅެނީ 14-15 ގަޑިއިރުގެ މިންވަރެއްގަ އެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިތިއޮޕިޔާ އާއި ސެނެގޯލާއި ނައިޖީރިއާ އަށް ރޯދަމަހުގެ ދުވާލުގެ މިންވަރަކީ 13 ގަޑިއާއި 14 ދެމެދުގެ މިންވަރެކެވެ. އެފްރިކާއިން ރޯދަމަހުގެ ދުވަސްތައް އެންމެ ކުރުވާނީ ސައުތު އެފްރިކާ އަށެވެ. އެގައުމުގައި ދުވާލުގެ ދިގުމިނަކީ 11 އާއި 12 އާ ދެމެދުގެ މިންވަރެކެވެ.

މެދުއިރުމަތި

މެދުއިރުމަތީގެ ގައުމުތަކުގެ ތެރޭގައި ގުނޭ ގައުމުތަކިުގެ ތެރެއިން މިއަހަރުގެ ރޯދަމަހުގެ ދުވަސް އެންމެ ދިގުވާނީ ތުރުކީއަށެވެ. ތުރުކީގައި އެވްރެޖް 15-16 ގައޑިއިރު ރޯދަ ހިފާނެ އެވެ. ލެބަނަން އާއި ސައޫދީ އަރަބިޔާ އާއި އިރާގު ފަދަ ގައުމުތަކުގައި ރޯދަ ހިފާނީ 14 އާއި 15 ގަޑި އިރާއި ދެމެދުގެ މިންވަރަކަށެވެ. މެދުއިރުމަތީން އެންމެ ކުރުކޮށް ރޯދަ ހިފަން ޖެހެނީ ޔަމަންގެ މީހުންނެވެ. ޔަމަންގައި ރޯދައިގެ ދިގުމިނަކީ 13 ގައޑިއާއި 14 ގަޑިއާ ދެމެދުގެ މިންވަރެކެވެ.

ޔޫރަޕް

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އައިސްލޭންޑްގެ މުސްލިމުން 19-20 ގަޑި އިރު ރޯދަހިފާނެ އެވެ. ޑެންމާކާއި ސްވިޑްން އާއި ނޯވޭގައި ރޯދަ ހިފަން ޖެހެނީ 17 ގަޑިއާއި 18 ގަޑިއާ ދެމެދުގެ ދިގުމިނެއްގަ އެވެ. ފްރާންސާއި ސްވިޒަލޭންޑާއި އިނގިރޭސިވިލާތުގައި 16 ގަޑިއާއި 17 ގަޑި އާދެމެދު ރޯދަ ހިފާއިރު ގްރީކާއި ސްޕެއިނާއި އިޓަލީގައި ރޯދަ ހިފާނީ 15ގަޑިއާއި 16 ގަޑިއާއި ދެމެދުގެ މިންވަރަކަށެވެ.

އެމެރިކާ

ސައުތު އެމެރިކާގެ ގައުމުތައް ކަމަށްވާ ބްރެޒިލާއި އާޖެންޓީނާއާއި ޕެރެގުއޭ އާއި އުރުގުއޭ ފަދަ ގައުމުތަކުގައި ރޯދަ ހިފާނީ 11 ގަޑިއާއި 13 ގަޑިއާ ދެމެދުގެ ދިގުމިނެއްގަ އެވެ. އެކަމަކު ނޯތު އެމެރިކާގެ ގައުމުތައް ކަމަށްވާ އެމެރިކާ އާއި ކެނެޑާގައި ގުޅޭ މުސްލިމުންނަށް 14 ގަޑިއާއި 15 ގަޑިއާ ދެމެދުގެ ދިގުމިނެއްގައި ރޯދަ ހިފަން ޖެހެ އެވެ. ގްރީންލޭންޑްގައި ރޯދަ ހިފަންޖެހޭ ދިގުމިނަކީ 19 ގަޑިއާއި 20 ގަޑި އާ ދެމެދުގެ މިންވަރެކެވެ.

ރޯދަ ވީއްލަން ތައްޔާރުކޮށްފައި.

އޭޝިޔާ އޭޝިޔާގައި ރޯދައިގެ އެވްރެޖް ދިގުމިނަކީ ގާތްގަނޑަކަށް 16 ގަޑި އިރެވެ. ޗައިނާގައި ރޯދަ ހިފަން ޖެހެނީ 14 ގަޑިއާއި 16 ގަޑިއާއި ދެމެދުއެވެ. ނޯތު ކޮރެއާގައި ހިފާނި 15-16 ގަޑިއިރުގެ މިނަވަރަކަށެވެ. ޖަޕާނާއި އިންޑިއާގައި ދިގުމިނަކީ 14 ގަޑިއާއި 15 ގަޑި އެވެ.

ރޯދައަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިބި ކަމުގައި ވިޔަސް މުސްލިމުން ޖޯޝާ ފޯރިއާ އެކު އަދާ ކުރާ އަޅުކަމެކެވެ. ހިފަން ޖެހޭ ރޯދައިގެ ދިގުމިނަކުން ނުވަތަ ކުރުމިނަކުން އެކަމަކަށް ފަރަގެއް ނާދެއެވެ. ރޯދަމަހުގެ ހެޔޮ އެދުން ހުރިހާ އެންމެނަށް އަރިސް ކުރަމެވެ.