ޣައްޒާގެ ރައްޔިތުން އެމީހުންގެ އުފަން ބިމުން ބޭރުކޮށް، ދެކުނު ސޫދާނަށް ގެންދަން ޣައްޒާގައި ނަސްލު ނައްތާލުމުގެ އުދުވާން ހިންގަމުން އަންނަ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅި ހުށަހެޅުމާ ސޫދާނުން ދެކޮޅު ހަދައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ސޫދާނުން ބުނެފައިވާއިރު، ސޫދާނާއި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އުފަން ބިމުން ބޭލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ވަނީ 6 މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފަ އެވެ.

ނަސްލު ނައްތާލުމުގެ ނިޔަތުގައި ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ގެންދަން ޔަހޫދީ ސަރުކާރުން ހުށަހެޅި ނަމަވެސް ސޫދާނުން ބުނީ، އެމީހުން އެކަމާ ދެކޮޅު ކަމަށާއި، މިކަމާ ގުޅޭގޮތުން އޮތް އެއްވެސް މަޝްވަރާއެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ.

އޭޕީއިން ރިޕޯޓް ކުރިގޮތުގައި އިޒްރޭލާއި އެމެރިކާއިން އަންނަނީ ސޫދާނާއި، ސޯމާލިއާ އަށް ޣައްޒާގެ ރައްޔިތުން ބަދަލުކުރުމުގެ ހުށަހެޅުންތައް ހުށަހަޅަމުންނެވެ.

މީގެ ކުރިން މިސްރާއި އުރުދުންފަދަ ކައިރި ގައުމުތަކަށް ޣައްޒާގެ ރައްޔިތުން ބަދަލުކުރަން ޔަހޫދީން ދެއްކި ވާހަކަތަކާ ގުޅިގެން ވެސް އެމީހުންނަށް ފާޑުކިޔުން އަމާޒުވިއިރު، އެގައުމުތަކުން ވެސް ވަނީ މިކަމާ ދެކޮޅުކަން ހާމަކޮށްފަ އެވެ.