ނިމިދިޔަ ސަރުކާރުން ނިންމިގޮތަށް ކަސްޓަމްސްގެ 100 މުވައްޒަފުންނަށް ފްލެޓް ހަވާލުކުރަން ހައުސިން މިނިސްޓްރީން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އަންގައިފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަސްޓަމްސްގެ މުވައްޒަފުންނަށް 300 ފްލެޓް ދޭން ނިންމި ކަމަށެވެ. އޭގެތެރެއިން 100 ފްލެޓް ދޭން ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތްކޮށްފައިވާ 4000 ފްލެޓުންނެވެ.
ޝަރީފް ވިދާޅުވީ 100 ފްލެޓް ލިބޭ މުވައްޒަފުންގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޕޯޓަލްއަށް މިހާރު ވަނީ އަޕްލޯޑް ކުރެވިފައި ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ނިންމިގޮތަށް އެ ފްލެޓް ދޭނެ ކަމުގެ ޔަގީންކަން އޭނާއާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެ ފްލެޓްތައް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް މަގުފަހިކޮށްދިން ކަމަށްޓަކައި ރައީސް ސޯލިހާއި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފަށާފަ އެވެ.