ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބާއްވަމުންގެންދާ ހެލްތް ކޭމްޕް، މިފަހަރު ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ހޮސްޕިޓަލުން އިއުލާން ކޮށްފި އެވެ.

މި މަހުގެ 15 އިން 16 އަށް ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕަކީ ދިއްދޫ އަދި ކައިރި ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެކެވެ.

މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޙާއްސަ ޓީމެއް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބައިވެރިވާ ޑޮކްޓަރުންނަކީ:

• ޑރ. މޫސާ މަނިކް އިބްރާހިމް – ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް

• ޑރ. މުހައްމަދު ހަބީބު – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް

• ޑރ. އަލީ މުޒުނީ – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް

• ޑރ. ރާޖޭޝް ވާލަންދް – ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް

• ރީބާ މޭރީ ތޮމިޗިއަން – ކްލިނިކަލް ޑައެޓީޝަން

• ޑރ. ތެހްޒީބް ފާރުޤީ – ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް

• ޑރ. ޕްރީތީ ސޮލޮމޮން – އަންހެނުންގެ ހާއްސަ ބަލިތަކުގެ ކޮންސަލްޓަންޓް

މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިޔަށްގެންދާ ތިން ވަނަ ހެލްތް ކޭމްޕެވެ. މިއަހަރުގެ ކުރީކޮޅު އޭޕްރިލް އަދި މެއި މަހުގައި ތ. ވޭމަންޑޫ އަދި ދ. ކުޑަހުވަދޫގައި ހެލްތް ކޭމްޕް ބާއްވާފައިވެ އެވެ.

.

2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައިވެސް މިފަދަ ހެލްތް ކޭމްޕް ވަނީ ބާއްވާފައެވެ. މިގޮތުން މިހާތަނަށް ބޭއްވުނު ހެލްތް ކޭމްޕްތަކުގައި 3500 އަށްވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދާފަ އެވެ.

މި ހެލްތް ކޭމްޕްތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.

ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް 10 އޮގަސްޓް ވަނަ ދުވަހުގެ 3:00 ގެ ފަހުން ހއ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6500093 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ އެވެ.

މި ހެލްތް ކޭމްޕް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި ހއ. އަތޮޅު ހޮސްޕިޓަލާއި ހއ. އަތޮޅު ކައުންސިލްގެ އިދާރާއިން ދެއްވަމުންގެންދާ އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޝުކުރު އަދާކޮށްފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.