މ. ކޮޅުފުއްޓާއި ފ. ބިލެތްދޫއަށް މަސްތުވާތަކެތި ގެންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބިލެއްދޫ އާއި ކޮޅުފުއްޓަށް މަސްތުވާތަކެތި ގެންދިއަ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުން ވެސް ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ދެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ކޮޅުފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކޮޅުފުށި، އުނިމާގެ، އަހުމަދު ހުމައިދު 30އ އެވެ. އޭނާ ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ބިލެތްދޫއިން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ، ގުލޭނޫރަންމާގެ، ދާއޫދު އަބްދުއް ސައްތާރު 43އ އެވެ. އޭނާ ބިލެތްދޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލައިގައި ހުމައިދު 30 ދުވަހަށް އަދި ދާއޫދު އަބްދުއް ސައްތާރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.