އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން، އދ. އަތޮޅުގެ RF1329 ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
އީޕީއޭ އިން ބުނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕވޓ ލޓޑ ގެ ލޯކަލް އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ ޓެމްޕަލް މެރިން އެލްޓީޑީ ގެ "އެމްވައި ބިގް ފިޝް" (އައި އެމް އޯ: 399463) ނަމަކަށް ކިޔާ ޔޮޓް އދ. ގެ ފަރަށް އެރީ 28 އޭޕްރީލް 2025 ގައި ކަމަށެވެ.
މި ޔޮޓް 29 އޭޕްރީލް 2025 ގައި ފަރުމަތިން ނަގާފައިވާކަމަށާއި، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 4 ޖޫން 2025 ގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު އެ ޔޮޓް ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް ކުރެވިފައިވާ ކަމަށެވެ.
މިގޮތުން، މި އުޅަނދު ފަރަށް އެރި ސަރަހައްދު ބެލި ބެލުމުން އެ ފަރުގެ 187 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެހެންކަމުން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން އީޕީއޭއިން ވަނީ ޓެމްޕަލް މެރިން އެލްޓީޑީ 4,889,450.00ރ އިން ޖޫރިމަނާ ކޮށްފަ އެވެ.
މިއާއެކު 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އެ އޭޖެންސީއަށް ދެއްކުމަށް އެ ފަރާތަށް އަންގާފައިވާކަމަށް އީޕީއޭއިން ބުނެ އެވެ.