ހަށިވިއްކުމާއި ބަރަހަނާ މަންޒަރުތައް ޓެލެގްރާމް ގްރޫޕެއްގައި އާންމުކޮށް, އެކަމުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ދެ އަހަރަށް ޖަލަށްލައި, ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
"ޖަޒީރާ އެޑްމިން" ގެ ނަމުގައި ހަދާފައިވާ ޔޫސާ ބޭނުންކުރަމުންގެންދާ ފަރާތުން އެކި ނަންނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެއްޗާއި ހަށިވިއްކުމަށް ހިތްވަރުދީ، މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކޮށް, އެކަމުން ފައިސާ ހޯދި މައްސަލާގައި ދައުލަތުން ދައުވާކުރީ ދަފްތަރު ނަމްބަރު ރސ 12966 އިބްރާހިމް ރަޝީދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުރީ މަނީލޯންޑަރިންނާއި ހަށިވިއްކުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ.
އެ މައްސަލާގައި އޭނާއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށްފަހު އަދަބު ލުއިކުރަން އެއްބަސްވުމުން އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އަދި އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުން މަތިން އޭނާގެ މައްޗަށް ޖުމްލަ ދެ އަހަރާއި އަށް މަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި އޭނާ 463,000ރުފިޔާއިން ޖޫރިމަނާކުރަން ވެސް ހުކުމްކުރި އެވެ.
ދައުވާގައިވާ ގޮތުން އިތުރު ބަޔަކާ ގުޅިގެން އޭނާ ވަނީ 1.1 މިލިއަން ރުފިޔާ ހޯދައިފަ އެވެ. އެ ފައިސާ ދައުލަތަށް ނަގަން ދައުވާގައި އެދުނު ނަމަވެސް އެ ފައިސާ ދައުލަތަށް ނަގަން ހުކުމުގައި ބުނެފައެއް ނުވެ އެވެ.
އެ މައްސަލާގައި އިތުރު ބަޔަކަށް ވަކިން ދައުވާކުރެ އެވެ.