އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯއެއް ކަމަށްވާ "ދެ ބެޗެލޮރެޓް"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި ހަނާ ބްރައުން ކައިވެނި ކޮށްފި އެވެ.
ހަނާ އޭނާގެ ލޯބިވެރިޔާ އެޑަމް ވޫލާޑްއާ ކައިވެނި ކޮށްފައިވަނީ ފްރާންސްގެ އައްސޭރި ފަށުގައި އޮތް ކުލަގަދަ ހަފްލާއެއްގައި މި ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.
ހަނާގެ ކައިވެންޏަށް އޭނާ ޚިޔާރު ކޮށްފައިވަނީ ޑިޒައިނަރު މާކް އިންގްރާމްގެ ތިން ކައިވެނި ހެދުމެކެވެ. އެޑަމް ހުރީ ކަޅު ކުލައިގެ ޓަކްސީޑޯއެއްގަ އެވެ.
ހަނާއާއި އެޑަމްގެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ކައިވެންޏަކީ "ހުވަފެނީ ކައިވެންޏެއް"ގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.
ހަނާއާއި އެޑަމް އެންމެ ފުރަތަމަ ބައްދަލުވީ 2020 ވަނަ އަހަރު ޑޭޓިން އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ. އޭގެ ތިން އަހަރު ފަހުން 2023 ވަނަ އަހަރު އެޑަމް ހަނާއަށް ކައިވެނި ހުށައެޅިއިރު 2025 ވަނަ އަހަރު އެމީހުން ވަނީ ކޯޓު ކައިވެންޏެއް ވެސް ކޮށްފަ އެވެ.
ހަނާއަކީ ރިއަލިޓީ ޝޯ "ދަ ބެޗެލޮރެޓް"ގެ ސީޒަން 15 އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި އެކެވެ. އޭގެ ފަހުން އޭނާ ވަނީ "ޑާންސިން ވިތު ދަ ސްޓާސް"ގެ ސީޒަން 28ގައި ވެސް ބައިވެރިވެފަ އެވެ.