ވިޔަފާރިވެރިޔާ އަދި ފިލްމީތަރި ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު މަރުވުމުގެ ފަހަތުގައި ސިއްރުތަކެއް ވާކަމަށް އޭނާގެ މަންމަ ރާނީ ކަޕޫރު ތުހުމަތު ކޮށްފި އެވެ.

ސަންޖޭގެ މަރަށް މަހެއް ވީ ފަހުން އޭނާގެ މަންމަ ބުނެފައިވަނީ އެއީ އެކްސިޑެންޓެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަމުގެ ފަހަތުގައި ނުބައި ރޭވުންތަކެއް ވާކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ސަންޖޭއަށް ހާޓްއެޓޭކެއް ޖެހުނީ ކަމަށް ބުނި ނަމަވެސް އެކަން ގަބޫލު ނުކުރާ ކަމަށެވެ. ރާނީ ކަޕޫރުގެ ފަރާތުން ވާހަކަދެއްކި ވަކީލު ބުނެފައިވަނީ އެދުވަހުގެ ހާދިސާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާމެދު އެތައް ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި ހަގީގަތް ހާމަވަންދެން އޭނާ (ރާނީ) މަޑުން ހުރީ ކަމަށް އޭނާ ބުންޏެވެ.

ރާނީ ކަޕޫރު ބުނާގޮތުން ސަންޖޭގެ މަރަކީ އެކަމުގައި ސިއްރުތަކެއް އެކުލެވިގެންވާ ކަމެއްކަން ހާމަވަނީ، އޭނާގެ ދަރިފުޅު މަރުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަންޖޭގެ ކުންފުނި ސޯނާ ގުރޫޕާ ގުޅޭ މުހިއްމު ނިންމުންތަކެއްގައި ރާނީ ލައްވާ ސޮއި ކުރުވުން ކަމަށެވެ. އަދި މިހާރު ބާއްވަން ނިންމާފައިވާ އޭޖީއެމް ކެންސަލް ކުރުމަށްވެސް އޭނާ ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ކުންފުންޏަށް އާ ޑިރެކްޓަރުން ހަމަޖެއްސުމަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.

ސަންޖޭ މަރުވީ އިނގެރޭސިވިލާތުގައި ޕޯލޯ ކުޅެން ހުއްޓާ މާބުރެއް އަނގައަށް ވަދެ ނޭވާ ހޮޅީގައި ތާށިވެ، ހިތް ހުއްޓިގެންކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. އޭނާ ވަޅުލާފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އިންޑިއާގެ ދިއްލީ ގަ އެވެ.

ސަންޖޭ އަކީ ސޯނާ ކޮމްސްޓާގެ ޗެއާމަން އެވެ. އޭނާ ވަނީ 2003 ވަނަ އަހަރު ބޮލީވުޑްގެ މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރުއާ ކައިވެނިކޮށްފަ އެވެ. އެ ދެމީހުނަށް ދެ ދަރިން ލިބިފައި ތިބެ އެވެ. ދެ މީހުން ވަކިވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ސަންޖޭ ވަނީ ޕްރިޔާ ސަޗްދޭވްއާ ކައިވެނިކޮށްފަ އެވެ. އޭނާ އަށްވެސް ދަރިއަކު ހުރެ އެވެ.