ފަހަކަށް އައިސް ދިރިއުޅުމުގައި ސޯޝަލް މީޑިއާގެ ދައުރު މިވަނީ ވަރަށް ބޮޑުވެފަ އެވެ. އަޅުގަނޑުމެންގެ ދުވަހުގެ ބޮޑު ބަޔަކީ ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތަށް ވަނީ ވެފަ އެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މިފަދަ އާދަތައް ދަނީ ގިނަ ވަމުންނެވެ.
ބޮލުން އިސްތަށި ފޭބުމާއި ސޯޝަލް މީޑިއާއާ ގުޅުމެއް ވާކަމަށް ގަބޫލު ކުރާނަން ހެއްޔެވެ؟
މިހާރުގެ ބައެއް ޒުވާނުން އުމުރުން 18 އަހަރު ނުވަނީސް ބޮލުގެ އިސްތަށިގަނޑު ފައިބާ ތުނި ވެފައި ހުރެ އެވެ. އޭގެ ސަބަބު ތަކުގެ ތެރޭގައި ހޯމޯނަށް އަންނަ ބަދަލުތަކާއި، ސްޓްރެސް އަދި އިސްތަށިގަނޑު ރަނގަޅަށް ނުބެލެހެއްޓުން ހިމެނެ އެވެ. އަދި ސޯޝަލް މީޑިއާގެ ސަބަބުން މީހާއަށް ލިބޭ ސްޓްރެސްވެސް މީގެ ތެރޭގައި ހިމެނެ އެވެ.
އެގޮތުން އިންފްލުއެންޒަރުންނާއި ސޯޝަލް މީޑިއާއިން ފެންނަ އެކި ރީތި އިސްތަށިގަނޑާ އެއްގޮތަށް އިސްތަށިގަނޑު ނުބެހެއްޓުމުގެ ސްޓްރެސްވެސް ލިބެ އެވެ. ސޯޝަލް މީޑިއާ އަކީ އެކި މީހުންގެ ތަފާތު ދިރިއުޅުންތަކާއި އެކި ކަންކަން އަބަދު ފެންނަ ވަސީލަތެކެވެ. އެފަދަ ވީޑިއޯތަކުގެ ސަބަބުން އަމިއްލަ ނަފުސާއި ހާލަތާ އަޅާ ކިޔެ އެވެ. ސޯޝަލް މީޑިއާއިން ފެންނަ މީހުނާއި އެއްގޮތަށް ދިރިއުޅުން ބައްޓަން ނުކުރެވޭތީ ލިބޭ ސްޓްރެސްއަކީ އަޅުގަނޑުމެން އެކަން ވާކަން ހިތުން ގަބޫލު ނުކުރި ނަމަވެސް މީހާއަށް އެކަމަކީ ސްޓްރެސްއަކަށް ވާވަރަށް އަސަރުކުރާ ކަންކަމެވެ.
އަދި އޭރެއްގެ ހެއާ ސްޓައިލަށް ފެއްތުމަށް އެކި ކެމިކަލް ބޭނުން ކުރުމުން އިސްތަށިގަނޑު ހަލާކުވާފަހަރުވެސް އާދެ އެވެ.
ސޯޝަލް މީޑިއާގައި އެކިކަހަލަ ޑައިޓްތަކާއި ކެއުމާއި ގުޅޭ އެކި ވާހަކަތައް ފެނެ އެވެ. އޭގެން ބައެއް ޑައިޓްތައް ނުވަތަ ކެއުންތައް ކޮޕީ ކުރުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ނުލިބި އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ.
މިކަންކަމަށް އޮތް ހައްލަކީ ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު މަދު ކުރުމެވެ. އަދި ސޯޝަލް މީޑިއާއިން ފެންނަ ރީތި ކަމާއި ދިގު އިސްތަށިގަނޑުތަކަކީ ގިނަފަހަރު އަސްލު ނޫންކަން ގަބޫލުކުރަން ޖެހެ އެވެ، އެހެންކަމުން އެ ނަތީޖާ އަސްލު ދިރިއުޅުމުގައި ނުފެނިދާނެކަން ގަބޫލުކުރަން ވާނެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ސްކްރޯލް ކުރަން އިނުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ކަސްރަތުކޮށް މީހާ ހެލިފެލިވެ އުޅުމަށް އާދަކުރުމުންވެސް އިސްތަށި ފޭބުންފަދަ މައްސަލަތަކުން ސަލާމަތްވުމަށް އެހީއަކަށް ވާނެ އެވެ.