ހޮލީވުޑްގެ މަގުބޫލު އެކްޓަރު ވިލް ސްމިތުގެ މިލްކިއްޔާތުގައި ހިމެނޭ ބައެއް ތަންތަން ވިއްކަން ފެށުމުން އޭނާގެ މާލީ ހާލަތު ދައްވެ ބޭންކްރަޕްޓް ވީކަމަށް ބުނެވެން ފަށައިފި އެވެ.

އޭނާގެ ގާތް މީހުނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ވިލް ސްމިތު ގެންދަނީ ފައިސާގެ ދަތިކަން ކުރިމަތިވެ ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދުމަށް އޭނާގެ ބައެއް ގެ ނު އަގުގައި ވިއްކަމުންނެވެ.

އޮސްކާގެ އެވޯޑް ހަފްލާއެއްގައި މީހެއްގެ ކަންކަށި މަތީގައި ޖެހުމާއި ގުޅިގެން ވިލް ސްމިތުގެ މަގުބޫލުކަން ގެއްލި އިންޑަސްޓްރީން ބާކީވި އެވެ. މި އާއެކު މަލްޓި މިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ ވިލް ވަނީ އެކި ގޮންޖެހުންތަކާއި ކުރިމަތި ލާފަ އެވެ.

އޭނާ އާއި އޭނާގެ އަންހެނުން ޖަޑާ ޕިންކެޓް ސްމިތުގެ މެދުގައި މައްސަލަ ޖެހި ދެމީހުން ދެ ތަނެއްގައި ދިރިއުޅޭއިރު، ދެ ގޭގެ ހަރަދު ހަމަޖައްސަން ވިލްއަށް ވަނީ ޖެހިފަ އެވެ. އަދި ދެމީހުން ވަރިވެއްޖެ ނަމަ ވިލްއަށް މާލީ އިތުރު ގޮންޖެހުމަކަށް ވާނެކަމަށް ގާތް މީހުން ބުނެ އެވެ.

މިއަހަރުގެ ކުރީކޮޅުވެސް ވިލް ސްމިތު ވަނީ އޭނާގެ ވުޑް ހިލްސް ޕްރޮޕަޓީ 2 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ. އަދި ފަސް ބެޑްރޫމްގެ މެރީ ލޭންޑް މެންޝަން ވެސް 795 ހާސް ޑޮލަރަށް ވިއްކާލި އެވެ.