އިންޑިއާއިން ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށްނުދިން ނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް، އިންޑިއާގެ ނޫހެއްކަމަށްވާ އޭޝިއަން އިންޓަނޭޝަނަލް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވަނީ ރާއްޖެ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް އިންޑިއާއިން އެހީތެރިވިކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުނުވެ ސަލާމަތްވީ އެންމެ މުހިންމު ދަނޑިވަޅުގައި އިންޑިއާއިން އެހީވުމުން ކަމަށާއި، އެހެންނޫންނަމަ ރާއްޖެ ބަގުރޫޓުވާނެ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ހަމައެކަނި އިގްތިސާދީ ގުޅުމެއް ނޫންކަމަށާއި، މިއީ ސަރަހައްދީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވާ ގުޅުމެެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން އަބަދުވެސް އިންޑިއާއަށް ބުރަވި ނަމަވެސް، އެއިރެއްގައި އިންތިހާބުވާ ވެރިއަކާ ގުޅިގެން ބައެއް ފަހަރު އިންޑިއާއަށްވުރެ ބޮޑަށް ޗައިނާ އަށް ބުރަވާ ކަމަށެވެ.
މިއާއެކު ރައީސް ނަޝީދު ވަނީ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފައިދާ ހުރިކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން،އިސްވެ ހުންނަވާ ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތްތަކެއް ހިންގާފަ އެވެ. މި ހަރަކާތްތަކުގައި މިހާރުގެ ގިނަ މިނިސްޓަރުންވެސް އުޅުއްވިއިރު، ވެރިކަމަށް ވަޑައިގަތުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ވަނީ ބޭރުކުރައްވާފަ އެވެ.
މިއާއެކު ހަމައެކަނި އިންޑިއާއަށް ބުރަވެ ތިބުން ނިމުމަކަށް ގެނައުމަށްޓަކައި އެހެން ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކޮށް އެހެން ގައުމުތަކުން ކާޑުގެ ބާވަތްތައްވެސް ގެންނަން ފެށިއިރު، މީގެ ކުރިން ވެރިކަމާ ހަވާލުވެ ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމަށްފަހު އެނބުރިވަޑައިގެން ރައީސް މުއިއްޒު ވަނީ ނުސީދާކޮށް، "ރާއްޖެ ކުޑަވުމަކީ ބުލީ ކުރަން ލިބޭ ލައިސަންސެއް ނޫން" ކަމަށް ވިދާޅުވެ އިންޑިއާއަށް ފާޑުވިދާޅުވެފަ އެވެ.