ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތު ކުރިއަށް ގެންދާ ވަގުތުގައި އާންމު ވެހިކަލްތަކަށް ފަސް ވަރަކަށް ގަޑިއިރަށް އެއާޕޯޓަށް ނުވަދެވޭނެ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
އެ ކުންފުނިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލް ހުޅުވުމަށް ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް، އެ ދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ރޭ 7:00 އިން ފެށިގެން 11:30 އަށް އާންމު ވެހިކަލްތަކަށް އެއާޕޯޓް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓްރެފިކް ފްލޯއަށް ގެންނަ ވަގުތީ ބަދަލުތައް
• އެއާޕޯޓަށް ވަންނަ މަގާއި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހުއްދަ ދީފައިވާ އުޅަނދުތަކަށް އެކަނި.
• އެ ވަގުތުތަކުގައި ޓެކްސީ އާއި އަމިއްލަ މީހުންގެ އުޅަނދުތަކަށް އެއާޕޯޓުގެ ޕޮލިސް ޕޯސްޓާއި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް މަޑުކޮށް، ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތަށް އެރޭނެ އިންތިޒާމު ހުންނާނީ ހަމަޖައްސައިފައި.
• މި ބަދަލު ގެނަޔަސް، މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ފެރީތަކާއި ބަސްތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ.
މިފަދަ ކޮންމެ ވަގުތެއްގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެމްއޭސީއެލް އިން ވަނީ ޝުކުރު ދަންނަވާފަ އެވެ.