މުސާރައިގެ އެއްބައި ރުފިޔާއިން ދޭން ނިންމީ އެކަން އެގޮތަށް ކުރަން ބޭނުންވެގެން ނޫން ކަމަށާއި އެގޮތަށް ނިންމަންޖެހުނީ އިތުރުގޮތެއް ނެތުމުން މަޖުބޫރުވެގެން ކަމަށް މަންޓާ އެއާ އިން ބުނެފި އެވެ.
މަންޓާ އެއާގެ މުވައްޒަފުންނަށް މިހާތަނަށް މުސާރަ ދެމުން އައީ ޑޮލަރުންނެވެ. ނަމަވެސް އެ ކުންފުނިން ވަނީ މުސާރައިގެ އެއްބައި ރުފިޔާއިން ދޭން ނިންމިކަން މުވައްޒަފުންނަށް އަންގާފަ އެވެ. އެކަމާ ގުޅިގެން މުވައްޒަފުން އިހްތިޖާޖަކަށް ދާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
މިކަމާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައީ މަރުކަޒީ ބޭންކު، އެމްއެމްއޭއާ ވެސް މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
ލިބޭ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް މާރުކުރަން ލާޒިމްކުރުމުން ކުންފުނި ހިންގުމުގައި ދަތިތަކެއް ހުރިކަން މަންޓާ އިން ފާހަގަކުރެ އެވެ.
މަންޓާ އިން ބުނީ އެ ކުންފުނީގެ ސަޕްލަޔަރުންނަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށާއި އޭގެ ތެރޭގައި ސްޕެއާ ޕާޓްސް، ސޮފްޓްވެއާ، އެއާކްރާފްޓް އަދި އިންޝުއަރެންސް ހިމެނޭ ކަމަށެވެ.
އެމްއޭސީއެލް އާއި އައިއޭއެސްއެލްއަށް ތެލާއި އެއާޕޯޓު ޗާޖު އަދި އެހެނިހެން ޗާޖުތަކަށް ވެސް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށް މަންޓާ އިން ބުންޏެވެ.
ކަންއެހެން އޮތުމުން ޑޮލަރުން ވަކި ބައެއް ބޭންކަކަށް މާރުކުރުމަށްފަހު ބާކީވާ ފައިސާ އިން ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމުގައި ދަތިތަކެއް ކުރި ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
މަންޓާ އިން ބުނީ ބޭރު ފައިސާގެ ގާނޫނުން އަމަލުކުރަމުންދާ އުސޫލަށް އެކަށީގެންވާ ލުޔެއް ލިބިއްޖެނަމަ، ކުރިއެކޭ ވެސް އެއްގޮތަށް މުޅި މުސާރަ ޑޮލަރުން ދޭން ފަށާނެ ކަމަށެވެ.
ދާދިފަހުން މިފަދަ ނިންމުމެއް ޓީއެމްއޭ އިން ނިންމުމުން އެ ކުންފުނީގެ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރުމުން އެ ކުންފުނިން ވަނީ ނިންމުން ބަދަލުކޮށްފަ އެވެ.