ކޭ ޕާކް ރެސިޑެންސްގެ ނަމުގައި އަމިއްލަ ކުންފުންޏަކުން ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއުއާ ގުޅިގެން ދިމާވެފައިވާ މައްސަލަތައް ހައްލުނުވެ ދިގުލައިގެންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މެންބަރު ހުށަހެޅުއްވި ގަރާރުގައި ބުނީ އަމިއްލަ ކުންފުންޏަކުން ފެށި ކޭ- ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް ގިނަ އަދަދެއްގެ ބަޔަކު ޑައުން-ޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގު ދެއްކި ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުނިމި އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށް ވެސް މި ގަރާރުގައި ބުނެފައިވެ އެވެ.

މީގެ އުތުރުން ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން އެނގެން އޮތް ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ފަރާތްތަކުގެ ތެރެއިން ފްލެޓް ދޭނެ ފަރާތްތަކެއް ވެސް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރެވޭނޭކަމުގެ ޔަގީންކަން ކުޑަވަމުންދާ ކަމުގައި ވެސް މި ގަރާރުގައިވެ އެވެ. އަދި ފައިސާ ދެއްކުމަށްފަހު ފްލެޓް ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ، އެ ފައިސާ އެ މަޝްރޫގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަތައް ހައްލުކޮށްދޭތޯ ދައުލަތުގެ އިދާރާތަކަށް ސިޓީ ފޮނުވައި ވެރިންނާ ބައްދަލުކުރުމަށް އެދުނު ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ވެސް ގަރާރުގައި ވަނީ ބުނެފަ އެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުން މި ގަރާރު ހުށަހެޅީ މިކަމުގައި މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްކަމަށްޓަކަ އެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލާތް ހަދައިގެން އެތައް ބައެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް މީގެ ކުރިން ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ މއ. އެރަލްސީ، ހަސަން މަމްދޫހާއި ރ. އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށެވެ.