ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމަށް އެއްބަސްވެއްޖެ އެވެ. މިއާއެކު އެސްޑީއެފްސީ އިން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތަކެވެ.
މި ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީ އިން ޚިދުމަތް ދޭނީ ޑިޖިޓަލް ލެންޑިންގ ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގަ އެވެ.
"އެސްޑީއެފްސީން ޚިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި ހަމައެހެންމެ އިޤްތިޞާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް. ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިންގ ޚިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް ރާއްޖޭގެ އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން." ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްގެ ސަބްސިޑައިރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް އެސްޑީއެފްސީއިން ފައިނޭންސް ދޫކުރަމުން އައި ޖުމްލަ ނިސްބަތަށްވުރެ އިތުރަށް ފައިނޭންސް ދޫކުރާނެ އެވެ. އަދި ފައިނޭންސް ދޫކުރާނީ އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާއެކުގަ އެވެ.
ބީއެމްއެލްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑައިރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުމެވެ.
މީގެ އިތުރުން، މުޖުތަމަޢުގެ ތަރައްޤީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ އެވެ. އެސްޑީއެފްސީގެ ހިންގުމާއި ގަވަރނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތާނގައި ބޭންކުން ހާމަކުރާނެ އެވެ.