މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ޑޮލަރުން ދޭ ބައި ނުދޭން ނިންމަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް، މުސާރަ ދޭ އުސޫލަށް ބަދަލު ނުގެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދެކެވުނު އެ ވާހަކަތަކާ ގުޅިގެން އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ދޮގު ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި އެ ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

" މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި މި ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް މި ކުންފުނިން ނުގެންގުޅޭ ވާހަކަ ދަންނަވަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.

ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ އަރުވާފަ އެވެ.

"މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުވައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްއޭސީއެލްގެ އިލްތިމާސަކީ މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މި ކުންފުނިން ގަބޫލުކުރާ ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ޙަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މައުލޫމާތާއެކުގައެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްއޭސީއެލްގެ މުއައްޒަފުންގެ ފަރާތުން، ކުންފުންޏަށް ލިބެމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.