އެމްޑީޕީގެ ކުރިއަށް ގެންދިއަ ކުއްލި އެއްވުޔމެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށް ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލާގައި ސާޖިދާ ތިން ދައުވާއެއް ކުރި އިރު، އެ ދައުވާ ކުރި ފަރާތްތަކަކީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ.
އެ މައްސަލައިގައި ސާޖިދާގެ ފަރާތުން އެދިފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަދި ބައިނަލްއަގުވާމީ މުއާހަދާތަކުން އުމައިރު މުހައްމަދު މުއިއްޒުއަށް ކަށަވަރު ކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އޭގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އޭގެ އިތުރުން، ސާޖިދާ އެދިފައި ވަނީ އެ ވާހަތަކުގެ ޒިންމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް އިސްމާއިލް ނަގަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ވާހަކަތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ފައްޔާޒް އިސްމާއިލްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
ސިވިލް ކޯޓުން ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައިވަނީ އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް، އެ ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން މިއީ އެ ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ބުނެ ކޯޓުގައި އެމްޑީޕީ އާއި ފައްޔާޒާއި މަންދީ ވެސް އިއުތިރާޒުކުރި އެވެ. ނަމަވެސް، ކޯޓުން ނިންމީ އެ މައްސަލަ ބެލޭނެ ކަމަށެވެ.
މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާ ދައުވާ ކުރީ އޭނާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ.