ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމި ނިންމުމަށް ހަމާސުން މަރުހަބާ ކިޔައިފި އެވެ.
މިދިޔަ ބުދަ ދުވަހު ކޮލަމްބިއާގެ ވެރިރަށް، ބޮގޮޓާ ގައި ބޭއްވި ކުއްލި ސަމިޓެއްގައި ޖުމްލަ 20 ގައުމަކުން ބައިވެރިވެ، ގަތުލުއާއްމާ ގުޅިގެން އިޒްރޭލަށް ގާނޫނީ ގޮތުން އަދި ޑިޕްލޮމެޓިކް ގޮތުން ދޭނެ ރައްދަކާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ.
މި ސަމިޓަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އިޒްރޭލު ޒިންމާދާރު ކުރުވުމަށް މިއަހަރުގެ ކުރީ ކޮޅު އުފެއްދި ހޭގު ގައުމުތަކުން ރޭވި ސަމިޓެކެވެ. ހޭގު ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ކޮލަމްބިއާ، ދެކުނު އެފްރިކާ، ބޮލިވިއާ، ހޮންޑުރަސް، މެލޭޝިއާ، ނަމީބިއާ އަދި ސެނެގަލް އެވެ.
މި ސަމިޓުގައި ފަލަސްތީނު ތަމްސީލު ކުރާ ފަރާތްތަކާ އެކު ތުރުކީ، ބްރެޒިލް، ޕޯޗުގަލް، އަލްޖީރިއާ، ލުބުނާން، އޮމާން، އުރުގުއޭ، ބަންގްލަދޭޝް، ޗިލޭ، ޖިބޫޓީ، އިންޑޮނޭޝިއާ، ނިކަރަގުއާ އާއި ސައިންޓް ވިންސެންޓް ގެ އިތުރުން ދި ގްރެނަޑައިންސް ވެސް ބައިވެރިވި އެވެ.
މިގައުމުތަކުން ވަނީ އިޒްރޭލަށް ހަތިޔާރު ބޭރުކޮށްދިނުމާއި، އަސްކަރިއްޔާ އަށް ބޭނުންވާ ތެލާއި، އެނޫންވެސް އެހެން ތަކެތި ފޯރުކޮށްދިނުން އެއްކޮށް ހުއްޓާލަން އެއްބަސްވެފަ އެވެ. މީގެ ތެރޭގައި، އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭކަން ޝައްކުވާ އުޅަނދެއް ނަމަ އެ އުޅަނދެއް އެގައުމު ތަކުގެ ބަނދަރަށް ކައިރިވުން މަނާ ކުރުން ވެސް ހިމެނެ އެވެ.
މި އެއްބަސްވުމަށް މަރުހާ ކިޔަމުން ހަމާސުން ބުނީ މިއީ މުހިންމު ކަމެއް ކަމަށާއި، މިފަދައިން އެހެން ގައުމުތަކުން ވެސް އަމަލުކުރަން އެދޭ ކަމަށެވެ.