ކުކުޅު ބިހަކީ އަގުހެޔޮ އަދި ފަސޭހައިން ޕްރޮޓީން ލިއްބައިދޭ ކާނާ އެކެވެ. ވިޓަމިންއާއި މިނަރަލްސް އަދި ހަށިގަނޑަށް ބޭނުންވާ ފެޓްސްވެސް ބިހުން ފޯރުކޮށްދެ އެވެ. ޑައިޓީޝަނުން ބުނާ ގޮތުގައި ބިހުން ހަށިގަނޑަށް އެންމެ މުހިއްމު އެމިނޯ އެސިޑް ފޯރުކޮށްދީ މަސްތައް ވަރުގަދަވުމަށް އެހީތެރިވެދެ އެވެ.

ބިހުން ވިޓަމިން ބީ12 ލިބޭއިރު، ސިކުނޑީގެ ދުޅަހެޔޮކަމަށް ބިހަކީ ކޮންމެހެންވެސް ކެއުމުގައި ހިމަނަން ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ކެއުން ކޮންޓްރޯލް ކުރުމަށްވެސް ބިސް އެހީތެރިވެދެ އެވެ. އެގޮތުން ބިސްކެއުމުން ކާހިތް ކެނޑި ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދެ އެވެ. އެކަމަކު މި ހުރިހާ ފައިދާއެއް ވާއިރު، ދުވާލެއްގެ މައްޗަށް ކެއުން ރަނގަޅީ ކިތައް ބިސްކަން އެނގޭހެއްޔެވެ؟

ދުވާލަކު ތިން ބިސް ކެއުން ރަނގަޅުތަ؟

ތިން ބިހުން ގާތްގަނޑަކަށް ލިބޭނީ 18-21 ގްރާމްގެ ޕްރޮޓީން އެވެ. ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ޕްރޮޓީންގެ އަދަދަށް ބަލާއިރު މީ ފުދޭވަރެއް ނޫނެވެ. އެވަރުން މީހާގެ ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ކަސްރަތައްފަހު މަސްތައް ހަމަޖެހުމަށް ބޭނުންވާ ޕްރޮޓީން ހަމައެއް ނުވާނެ އެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ހޯދަނީ ހަމައެކަނި ބިހުން ކަމަށް ނުހަދާށެވެ. އިތުރު މަސް އަދި އެކި ބާވަތްތަކުގެ ޕްރޮޓީން ލިބޭ ކާނާ ދުވަހުގެ ކެއުމުގައި ހިމަނާށެވެ.

މާ ގިނައިން ބިސް ކެއުމުން ވާގޮތް

މާ ގިނައިން ބިސް ކެއުމުން ކޮލެސްޓްރޯލް މަތިވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އަދި ބިސް ގިނައިން ކެއުމުން ހިތުގެ މައްސަލަތަކާ ކުރިމަތިވުމުގެ ފުރުސަތުވެސް އޮވެ އެވެ. އެންމެ ބިހެއްގައި 186 މިލިގްރާމްގެ ކޮލެސްޓްރޯލް ހިމެނެ އެވެ. އަދި ބިސް ތެތްލައިގެން ނުވަތަ ބަޓަރުގެ ތެރޭގައި ކައްކާއިގެން ކެއުމުން އެލްޑީއެލް ނުވަތަ ގޯސް ކޮލެސްޓްރޯލް އިތުރު ވެއެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ޕްރޮޓީން ލިބޭނަމަ، ކިޑްނީގެ މައްސަލަތަށްވެސް ޖެހެ އެވެ.

އެހެންކަމުން ޕްރޮޓީން ހަމަކުރާއިރު ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް އަދި ފައިބާވެސް ބެލެންސްކޮށް ލިބޭނެގޮތަށް ކެއުން ބައްޓަން ކުރުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ކެއުމުގައި މާގިނައިން ބިސް ހިމަނަން ވިސްނާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.