ހައިކޯޓު ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކާއި އިތުރު ބޭފުޅުންތަކެއް ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން ހުސްވި ދެ މަގާމަށް ކުރިމަތިލީ ޖޭއެސްސީގެ މެމްބަރު އަލީ އަބްދުއްލަތީފާއި ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންނާއި ވަކީލުން ހިމެނޭ ގޮތަށް 17 ބޭފުޅެކެވެ.

އަލީ އަބްދުއްލަތީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ބަލައި, އެ ބޭފުޅުން ވަކިކުރަން ނިންމި ޖޭއެސްސީގެ ތަހުގީގު ކޮމެޓީގެ މެމްބަރެކެވެ. އަދި އެ ކޮމިޝަންގައި ވެސް އޭނާ ވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ވޯޓު ދީފަ އެވެ.

ދެން ހައި ކޯޓަށް ކުރިމަތިލި ބޭފުޅުންގެ ތެރޭގައި ހޯމް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ހިމެނިވަޑައިގަންނަވަ އެވެ. އަދި ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ކުރީގެ މެޖިސްޓްރޭޓް އަދި ފަހުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ރާޣިބާއި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް އަލީ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ ވެސް ކުރިމަތިލެއްވި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ސަރުކާރަށް ބޭރުގެ ގިނަ ޖަމާއަތްތަކުގެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.