އުމްރާ ދިޔުމަށް އަސްކޮއި ގްރޫޕަށް ފައިސާ ދެއްކުމުން އެމީހުންނަށް އުމްރާ އަށް ނުފުރުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މީގެ ކުރިން ވެސް އަސްކޮއި އުމްރާ ގުރޫޕަށް ފައިސާ ދެއްކި ބަޔަކަށް މިފަދަ މައްސަލައެއް ދިމާވިއިރު، މިފަހަރު އެ މީހުން މިގޮތަށް ކަންތައް ކުރީ ދަތުރުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި، އެއާޕޯޓަށް ފުރަންދާން ޖެހޭ ގަޑި ވެސް އެންގުމަށްފަހު އެވެ.
މިގޮތުން އަސްކޮއި ގްރޫޕްގެ ވެރިޔާ ފޮނުވި މެސެޖެއްގައި ބުނީ ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ފަހުގެ ތާރީހަކަށް ދަތުރުކުރަން ބައެއް ފަރާތްތަކުން އެދޭތީ ދަތުރު ފަސްކޮށްލުން އެދޭ ކަމަށެވެ.
"ޖުލައި 24 ގައި ފުރަން ތައްޔާރުވި ދަތުރުގެ ބައެއް ބައިވެރިން މި ދުވަސްކޮޅު ދަތުރެއް ކުރިން ރައްކާތެރި ނޫން ކަމަށް ގަބޫލުކޮށް ފަހުގެ ތާރީހަކަށް (ގަލްފުގެ ނުރައްކާތެރިކަން ރަނގަޅު ވުމުން) ލަސްނުކޮށް ދަތުރުކުރަން އެދޭތީ މި ވަގުތު މި ދަތުރު ފަސްކޮށްލުން އެދޭ ވާހަކަ ދެންނެވީމެވެ. ބައެއް ބޭފުޅުންނަށް ގަބޫލު ނުކުރެވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް ރައްކާތެރިކަން މުހިއްމު ވާނެ،" އެ މެސެޖުގައިވެ އެވެ.
މި ޖުލައި މަހު ރާއްޖޭގެ އެހެން ކުންފުނިތަކުން ގިނަ އަދަދެއްގެ ބަޔަކު އުމްރާ އަށް ގެންދާއިރު، އަސްކޮއި ގްރޫޕުން ބުނި ފަދަ ހާލަތެއް މެދުވެރިވެފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް ރޭގައި އައިސްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.