އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ މިދިޔަ ހޮނިހިރު ދުވަހު މަރާލި އެރަށު އޯކިޑްމާގެ، އަބްދުލް ރަހުމާން އާދަމް (65 އ.) ގެ މަރުގެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.

ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އަބްދުއްރަހުމާން މަރުވީ އެރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެރޭ ދަންވަރު 1:50 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ހުރިހާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށެވެ.

އަބްދުއްރަހީމުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ނިންމާ އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވާލަން ހަމަޖެހިފައިވާއިރު، މިކަމާ ގުޅޭ ގޮތުން މީޑިއާ އޮފިސަރު ވިދާޅުވީ ހަށިގަނޑު ފޮނުވާލުމުގެ ތައްޔާރީތައް ވަމުންދާކަމަށާއި، އިއްޔެ އާ ހަމައަށްލިބުނު އަޕްޑޭޓަށް ބަލާއިރު، ހަށިގަނޑު އަދި ފޮނުވާ ނުލާ ކަމަށެވެ.

ފުލުހުންގެ ފޮރެންސިކް އަދި މަރުގެ މައްސަލަތައް ތަހުގީގު ކުރާ ޑިޕާޓްމަންޓަކުން އެ ރަށަށް ދިޔައިރު ފުލުހުން ވަނީ މާހިޔާ ގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަލައި ފާސްކޮށް ބައެއް ހެކިތައް އެއްކޮށްފަ އެވެ. މީގެ އިތުރުންވެސް އެ ރަށުގެ ބައެއް މީހުންނާ ސުވާލުކޮށް، ފައިގެ އަދި އަތުގެ ނިޝާނާއި، ބައެއް ޑީއެންއޭ ސާމްޕަލް ވެސް ވަނީ ނަގާފަ އެވެ.

އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ރަށުގެ ސިއްހީ މަރުކަޒަށް އެންގީ އޭނާގެ އަންހެނުންނެވެ. ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މަރުވި މީހާގެ އަނބިމީހާ އަކީ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓަކަށް އުޅޭ މީހެކެވެ. އަދި ގޭގައި ދިރިއުޅެނީ އެ ދެމަފިރިން ކަމަށްވާއިރު، މި ދެމަފިރިންގެ ދެ ކުދިން ވެސް އުޅެނީ މާލޭގަ އެވެ.

"ކަރުގައި ތޫނު އެއްޗަކުން ހަމަލަދީފައިވާ ކަމުގެ ހެކި ހުރި ކަމަށް ވެސް ރަށުތެރޭގައި ކިޔާ އެބަ. ބޮލުގެ ހަތަރު ތަނަކަށް ހަމަލަދީފައި ހުރި،" އެމީހާ ބުންޏެވެ.

ފުލުހުން މި މައްސަލާގެ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރައި ފައިބާ މީހުން ވެސް މި މައްސަލައާ ގުޅިގެމް މޮނީޓާ ކުރި އެވެ.