ފްރާންސްގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރު ބަންދު ދުވަސްތައް މަދު ކުރަން އެގައުމުގެ ބޮޑުވަޒީރު ފްރޮންސްވަ ބައިރޫ ނިންމަވައިފި އެވެ.
އެގައުމުގެ ބަޖެޓުގެ ހަރަދު ކުރުން 50.88 ބިލިއަން ޑޮލަރަށް ކުޑަކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާ ބައިރޫ ވިދާޅުވީ މިފަދައިން އަމަލު ކުރުމަށްޓަކައި ރައްޔިތުންނަށް ފޯރު ކޮށްދޭ ހިދުމަތްތަކާއި އެހީތެރިކަމަށް އިތުރަށް ހަރަދުކުރުން ހުއްޓާލާ، ތަކެތީގެ އަގު މައްޗަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ދެމުންދާ އާންމު ހިދުމަތްތަކާއި އެހީތައް އިތުރު ނުކުރާނެ ކަމަށެވެ.
މިއާއެކު އެ ގައުމުގައި ފާހަގަކުރާ އީސްޓަރ އާއި، މެއި މަހުގެ 8 ވަނަ ދުވަހަކީ ސަރުކާރު ބަންދު ނޫން ދެ ދުވަހުގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން ހާމަކޮށްފައިވާއިރު، އެގައުމުގެ ސަރުކާރުން ބުނީ މި ދެ ދުވަހު މުއައްޒަފުން މަސައްކަތަށް ނުކުތުމުން ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
ބައިރޫ ވިދާޅުވީ މޭ މަހުގައި އެކަނިވެސް މާ ގިނަ ބަންދު ދުވަސް ހުރިކަމަށާއި ބަންދު ދުވަސްތަކުގެ ގޮތުގައި މި ދެ ދުވަސް އުނި ކުރުމުން އެތައް ބިލިޔަން ޔޫރޯ ގައުމަށް ވަންނާނެ ކަމަށެވެ. އަދި މިކަމަށްޓަކައި އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށް ވެސް ބައިރޫ ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ފްރާންސް އިދިކޮޅު ޕާޓީތަކުގެ މީހުން އަންނަނީ މިކަމާ މެދު ނުރުހުން ފާޅުކޮށް، ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު ދެމުންނެވެ.