މިދިޔަ މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް އަނިޔާވިކަން ހާމަވެއްޖެ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އާ ގާތް ނޫހެއްކަމަށްވާ އެގައުމުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، ޕެޒެޝްކިއާން ވެސް ބައިވެރިވެވަޑައިގެންނެވި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ގެ ބައްދަލުވުމެއް ކުރިއަށްދިޔަ ސިއްރު ބިންގަރާހަކަށް އިޒްރޭލުން 6 ބޮމެއް އަމާޒުކުރި ކަމަށެވެ.
މި ހަމަލާތަކުގައި ވަންނަ ދޮރުތަކާއި ނުކުންނަ ދޮރުތަކުގެ އިތުރުން ބިންގަރާހުގެ ވައިދައުރުވާ ސިސްޓަމް ވެސް ބްލޮކްވެ، އެ ފެސިލިޓީގެ ކަރަންޓުވެސް ކެނޑުނެވެ.
އެއާއެކު މިހަމަލާތަކުގެ ސަބަބުން ޕެޒެޝްކިއާން ގެ ފަޔަަށް އަނިޔާވި ނަމަވެސް އޭނާ އާ އެވަގުތު އެ ބައްދަލުވުމުގައި ތިބި އެންމެން ވެސް އެމަޖެންސީ ދޮރަކުން ވަނީ ނުކުމެފަ އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ކައުންސިލް އަކީ އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނައީ އަށްފަހު އެގައުމުގައި ނިންމުންތައް ނިންމާ އެންމެ މަތީ ފަރާތެވެ.
މިދިޔަ ހަފްތާގައި ޕެޒެޝްކިއާން ވެސް ވަނީ އިޒްރޭލުން އޭނާ މަރާލަން އުޅޭ ކަމުގެ ތުހުމަތުކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން އިޒްރޭލުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށްފަހު އީރާނުން ވަނީ އިޒްރޭލަށް ރައްދު ހަމަލާދީފަ އެވެ. މިކަމާ ގުޅިގެން ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއިން ވަނީ އެމަހުގެ 22 ވަނަ ދުވަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.
އޭގެފަހުން މި ހަމަނުޖެހުން ހުއްޓާލިއިރު އީރާނުން ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައެއް ނުވެ އެވެ.