ސްކޭމްގެ މައްސަލަތަކެއްގައި ހިމެނޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދާ ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ރަބީއު / މާލެ، ސާއިފް އަހްމަދު ދީދީ (30އ) އެވެ.
މި މީހާ އަކީ ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހެކެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ފުލުހުން އޭނާ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 އަކުންނެވެ.
ފުލުހުން ބުނީ އޭނާ އަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި، މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މި މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.