ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އިން މިއަދު ފަށައިފި އެވެ.
ހެނދުނު 9:30 ގައި ކުރީގެ ހައުސިން މިނިސްޓްރީ ހުރި ތަނުގައި މި މަސައްކަތް ފަށާފައިވާއިރު، މިނިސްޓްރީން ބުނީ ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމާ ގުޅިގެންނެވެ.
ފައިނަލް ޕްލޮޓްތައް މޭ މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ގުރުއަތުލުމުގައި ކަނޑައެޅިއިރު، މި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވެސް ވަނީ ބަދަލުވެފަ އެވެ.
އެޕޮއިންޓްމަންޓް އުސޫލުން އައު ރަޖިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާއިރު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލުވެސް ވަނީ ހިމަނާފަ އެވެ.
ރަޖިސްޓްރީއާއި ހަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހޭނެ އެވެ. ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވާ އޮފް އެޓާނީގެ އަސްލު އަދި ޕަވާ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލުގެ އިތުރުން މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ވެސް ގެންނަން ޖެހޭނެ އެވެ.
އެޕޮއިންޓްމަންޓް ގަޑިއަށްވުރެ ފަސް މިނެޓް ލަސްވެ ހާޒިރުވާ ފަރާތްތަކާއި، ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓް ކެންސަލްވާއިރު، އެފަދަ ހާލަތެއްގައި، އަލުން އެހެން ތާރީހަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެންދާނެ އެވެ.
އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އަންގާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެ އެވެ.