ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޮނީ ޑެޕްއާއި އެންޖެލީނާ ޖޯލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވެން ފަށައިފި އެވެ.
މިފަދަ ވާހަކަތަކެއް މީޑިއާގައި ދެކެވެން ފަށާފައިވަނީ އެ ދެތަރިން އެކުގައި އެކި ތަންތަނަށް ދާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނުމުންނެވެ.
ޖޮނީއާއި އެންޖެލީނާގެ މެދުގައި އެފަދަ ގުޅުމެއް އޮންނަ ކަމަށް ތުންތުން މަތިން ވާހަކަ ދެކެވޭތާ ގިނަ ދުވަސްތަކެއް ވެފައި ވީނަމަވެސް އެކަން މީޑިއާއަށް ތިލަވެފައިވަނީ ވަރަށް ފަހުންނެވެ.
އެގޮތުން އެ ދެތަރިން އެކުގައި އެމެރިކާގެ އެކި ސިޓީތަކުން ފެނިފައިވާ ކަމަށާއި އެމީހުން އަދި އުޅެނީ ވަރަށް ސިއްރުން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މި ވާހަކަތައް މީޑިއާގައި ދެކެވެމުން ދިޔަ ނަމަވެސް ޖޮނީއާއި އެންޖެލީނާ ވެސް އެކަން ޔަގީން ކޮށްދީފައި ނުވާކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
ޖޮނީ އަދި އެންޖެލީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އަރާފައި މިވަނީ އެންޖެލޭނާއާއި އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްގެ ކޯޅުން ވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.