ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ލޯބީގެ ދިރިއުޅުމުގެ ވާހަކައަކީ އަބަދުވެސް އިންޑިއާގެ މީޑިއާގައި އަޑުގަދަކޮށް ދެކެވޭ ވާހަކަ އެކެވެ.

އުމުރުން 60 އަހަރު ވާން ކައިރިވެފައިވާ ސަލްމާން އެކި ދުވަސްވަރު އެކި ތަރިންނާ ލޯބީގެ ގޮތުން ގުޅިފައިވާއިރު މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ދާދި ފަހުން ސަލްމާން ވަނީ އޭނާ ކައިވެނި ކުރަން ބޭނުންވާ ކަމަށް ދޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

ސަލްމާންގެ ޅިޔަނެއް ކަމަށްވާ އަތުލް އަގްނިހޮތުރީގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ސަލްމާން ކުރި އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އަތުލްއަކީ ކޮންމެވެސް ދުވަހަކުން އޭނާ ވާން ބޭނުންވާ ކަހަލަ މީހެއް ކަމަށެވެ.

ސަލްމާންގެ އެޕޯސްޓުގައި އޭނާ އިޝާރާތް ކޮށްފައިވަނީ ފިރިއެއްގެ ގޮތުގައާއި ބައްޕައެއްގެ ގޮތުގައި އަތުލް ދައްކަމުން އަންނަ ނަމޫނާ އަށެވެ.

އެހެން ކަމުން އަވަސް މުސްތަގުބަލެއްގައި ސަލްމާން ކައިވެނިކޮށް ދަރިން ހޯދުމުގެ ހިޔާލު ގެންގުޅޭ ކަމަށް ގިނަ ބަޔަކު މިހާރު އަންނަނީ ބުނަމުންނެވެ.

ސަލްމާން މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނު ތަރިންގެ ތެރޭގައި ސަންގީތާ ބިޖްލާނީ، އައިޝްވާރްޔާ ރާއީ އަދި ކެޓްރީނާ ކައިފް ފަދަ ތަރިން ހިމެނެ އެވެ.