ބޮލީވުޑްގެ ފިލްމު "މެޓްރޯ އިން ޑިނޯ" މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އަޅުވާފައިވާއިރު އަނޫރާގް ބާސޫގެ އެ ފިލްމާ ގިނަ ބައެއްގެ އުއްމީދުތައް ގުޅިފައިވެ އެވެ.

ބުނެވޭ ގޮތުގައި 85 ކްރޯޑު ރުޕީސްގެ ބަޖެޓަކާއެކު އުފެއްދި އެ ފިލްމުގެ އެންމެ ފުރަތަމަ ބަޖެޓަކީ 65 ކްރޯޑް ނަމަވެސް ތަރިންގެ މުސާރައިގެ ސަބަބުން ހަރަދުތައް ބޮޑުވީ އެވެ.

އެސެމްބެލް ކާސްޓްއަކާއެކު ކުރިއަށްދިޔަ އެ ފިލްމަށް އެންމެ ބޮޑު އަގެއް ނެގީ ފިލްމުގައި ޕާތުގެ ރޯލުން ފެނިގެންދާ އަރުޖުން ކަޕޫރެވެ. އޭނާ އެ ފިލްމަށް ހަ ކްރޯޑް ރުޕީސްގެ އަގެއް ނެގިއިރު އޭނާގެ ލޯބިވެރިޔާގެ ރޯލުން ފެންނަ ސާރާ އަލީ ޚާންގެ މުސާރައަކީ ތިން ކްރޯޑް ރުޕީސް އެވެ.

އަރުޖުން އަށްފަހު އެންމެ އެ ފިލްމަށް އެންމެ ބޮޑު އަގެއް ނެގީ ޕަންކަޖް ކަޕޫރެވެ. އޭނާގެ ރޯލަށް ހަތަރު ކްރޯޑް ރުޕީސް ނެގި ކަމަށް ހަބަރުތައް ބުނެ އެވެ.

އެއާއެކު ފާތިމާ ސަނާ ޝެއިހްއެއް ކްރޯޑް ރުޕީސްގެ އަގެއް ނެގިއިރު ކޮންކޮނާ ސެން ޝަރްމާއަށް ލިބިފައިވަނީ 75 ލައްކަ ރުޕީސް އެވެ.

މެޓްރޯ އިން ޑިނޯގެ ބަޖެޓުގެ ބޮޑު ބައެއް އެ ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކައިގެން އަނބުރާ ލިބިފައިވެ އެވެ. ޑިޖިޓަލް ރައިޓްސް ވިއްކާލީ 40 ކްރޯޑް ރުޕީސް އަށެވެ.

2007 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލްއެއްގެ ގޮތުގައި ނެރުނު "މެޓްރޯ އިން ޑިނޯ"އަކީ ޓީސީރީޒް ލޭބަލްގެ ދަށުން އަނޫރާގް ބާސޫ ޑައިރެކްޓްކުރި ފިލްމެކެވެ.