ދައުލަތުގެ ހަރަދުކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންގާފައިވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ގަތަރުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި އެވެ.

ރާއްޖޭގެ އެމްބަސީއެއް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގައި މިހާރު ވެސް ހުޅުވާފައިވެ އެވެ.

މި އެމްބަސީ ހިނގާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ކަމަށް ރައީސް އޮފީހުން އާދިއްތަ ދުވަހު ނެރުއްވި ދެންނެވުމެއްގައި ބަޔާންކޮށްފައިވެ އެވެ.

އެމަނިކުފާނު މި އެމްބަސީ އުފެއްދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރައްވައިގެންނެވެ.

އެގޮތުން، އެމްބަސީ ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް ތައުލީމީ، ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް އިތުރަށް ކުރިއެރުވުން ކަމަށްވެސް އެ ދެންނެވުމުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި، ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރާނެ މަސައްކަތްތަކާއި، އެ އިދާރާގެ ރަސްމީ ނަން ("ޤަޠަރުގައި ހުންނަ ދިވެސްރާއްޖޭގެ އެމްބަސީ") އަދި ސިޓީގައި ޖަހާނެ ނަންބަރު (502) ހިމަނާފައިވެ އެވެ.

ދިވެހިރާއްޖެއާއި ގަތަރުން، ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1984 ވަނަ އަހަރުގަ އެވެ.މި ގުޅުން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ކަނޑާލި ނަމަވެސް، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އަލުން ގާއިމުކުރެވުނެވެ.