އީރާނާ އިޒްރޭލުން ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރިތާ މާ ގިނަ އިރުތަކެއް ނުވެ އަނެއްކާވެސް ހަމަލާ ދޭން ފަށައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވާގޮތުގައި ހަމަލާ ދިނުން ހުއްޓާލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވެސް އެއްބަސްވި ފަހުނ އީރާނުން ފޮނުވާލި މިސައިލް ތަކެއް ވަނީ ފާހަގަކުރެވިފަ އެވެ.

އެއާއެކު އިޒްރޭލުގެ އުތުރުގައި ސައިރެންގެ އަޑު ގުގުމާލާފައިވާއިރު، އެގައުމުގެ ދިފާއީ ނިޒާމުން އަންނަނީ މިސައިލްތައް ވައްޓާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ރިޕޯޓްތައް ބުނާ ގޮތުން އީރާނުން ފޮނުވާލި އެއް ބަލިސްޓިކް މިސައިލްވަނީ އީރާނުން ވައްޓާލާފަ އެވެ.

މިއާއެކު އިޒްރޭލުން ވަނީ އީރާނުގެ ވެރިރަށް ތެހެރާން ގުޑުވާލާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ. އަދި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކަޓްޒް ވަނީ އީރާނުން އެއްބަސްވުމާ ހިލާފުވި ކަމަށާއި އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖަށް އަންގާފަ އެވެ.

އީރާނުން ޔަހޫދީ ދައުލަތާ ދެކޮޅަށް ހިންގި މިލިޓަރީ އޮޕަރޭޝަން ނިންމާލިކަން އިއުލާނުކޮށްފައިވަނީ ރޭ 4 ޖެހިއިރު އެވެ. އޭގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ހަމަލާތައް ހުއްޓާލުމަށް ދެގައުމު ވެސް އެއްބަސްވާކަމަށް ބުނެފަ އެވެ. އަދި މިއަދު ނަތަންޔާހޫ ވަނީ މި އެއްބަސްވުމަށް އިޒްރޭލުން އަމަލު ކުރާނެ ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް ހަމަލާތައް އަލުން ފެށުމާއެކު މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިންޒާރު ދެމުންނެވެ.