ގާތްގަނޑަކަށް 25 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެންމެ ފަހުން ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒްއަށް އޮސްކާ އެވޯޑެއް ލިބޭނެކަން ޔަގީން ވެއްޖެ އެވެ.
އޮސްކާ އެވޯޑްްސް ހިންގާ ފިލްމް އެކަޑަމީއިން ބުނީ ޓޮމްގެ އިތުރުން ކޮރިއޮގްރާފަރު ޑެބީ އެލެންއާއި ޕްރޮޑަކްޝަން ޑިޒައިނަރު ވިން ތޯމަސްއަށް އޮސްކާގެ ޝަރަފުވެރިކަމުގެ އެވޯޑު ދޭން ހަމަޖެހިފައިވާ ކަމަށެވެ.
އޮސްކާގެ ޝަރަފުވެރިކަމުގެ އެވޯޑަކީ ހޮލީވުޑަށް ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ހިދުމަތްކުރި ތަރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އަރުވާ އެވޯޑެކެވެ. މީގެ ކުރިން ޓޮމްއަށް އޮސްކާ އެވޯޑެއް ލިބިފައިނުވާއިރު އޭނާއަށް އެންމެ ފުރަތަމަ އޮސްކާ ނޮމިނޭޝަން ލިބިފައިވަނީ 2000 ވަނަ އަހަރު އެވެ.
ޓޮމްއަކީ ހޮލީވުޑްގައި ފާހަގަކޮށްލެވޭ އެކްޝަން ފިލްމުތަކަކާއި ސްޓަންޓްތަކެއް ހަދާފައިވާ ތަރިއެއް ނަމަވެސް އޭނާގެ އެ މަސައްކަތްތައް ފާހަގަ ނުކުރުމުން ގިނަ ބަޔަކު ދަނީ ހިޔާލު ފާޅު ކުރަމުންނެވެ.
މިއަހަރުގެ އޮސްކާ ޝަރަފުވެރިކަމުގެ އެވޯޑް ލިބޭ ފަރާތްތަކަށް ޓްރޮފީ ހަވާލުކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ބާއްވާ ސިއްރު ހަފްލާއެއްގަ އެވެ.