ލޮނުމެދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ބޭހެއްގެ ގޮތުގައި ވެސް ބޭނުން ކުރާ ބާވްތެކެވެ. މިކަމުގެ ފައިދާ ސައިންސްވެރިންގެ ހޯދުންތަކުން ވެސް އަންނަނީ ސާބިތު ކޮށްދެމުންނެވެ. އެގޮތުން ހުސްބަނޑާ ހުރެ ލޮނުމެދު ކެއުމުގެ ފައިދާތައް މިވަނީ ދިރާސާތަކުން ދައްކައިދީފަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދުގެ އަސަރު އެންމެ ބޮޑަށް ހަށިގަނޑަށް ކުރަނީ ހެނދުނު ހުސްބަނޑާ ހުރެ އެ ބޭނުން ކުރުމުންނެވެ. ލޮނުމެދަކީ އޭގެ ޒާތުގައި ގުދުރަތީ "އެންޓިބައޮޓިކް" އަކަށް ވުމުން ހެނދުނުގެ ނާސްތާކުރުމުގެ ކުރިން ލޮނު މެދު ކެއުމުން ބަނޑުގައި އުފެދިފައި ހުންނަ ޖަރާސީމުތައް ނައްތާލަ އެވެ.

އެއާއެކު ލޭ މައްޗަށް ދިއުމުގެ މައްސަލަތައް ކުރިމަތިވާ މީހުން ލޮނުމެދު ބޭނުންކުރުމުން އެކަމަށް ލުއި ލިބޭ ކަމަށް ވެސް ހޯދުންތަކުން ދައްކަ އެވެ. އޭގެ އިތުުރުން ހިތުގެ މައްސަލަތަކުން ދުރުކޮށްދީ، ކިޑްނީ އަދި މޭގެ މަސައްކަތްތަށް ރަނގަޅުކޮށް، ނާރުގެ މައްސަލަތަކަށް ވެސް މިކަމުން ހައްލު ލިބިގެންދެ އެވެ.

ލޮނުމެދު ބޭނުންކުރުމުން ހަޖަމުކުރުމުގެ ނިޒާމް ރަނގަޅުވެ، ބަނޑުގެ ތަފާތު މައްސަލަތަކާ ދުރުކޮށްދެ އެެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ލޮނުމެދަކީ ތައްޔާރީ ބޭސްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ފަދަ ބާރުގަދަ ކާނާއެއް ކަމަށެވެ. އެގޮތުން ހަކުރުބަލި، ސިކުނޑީގެ ބަލިމީހުން އަދި ކެންސަރުގެ ބައެއް ބަލިތަކަށް ވެސް ލޮނުމެދު ބޭނުން ކުރުމުން އެ ބަލިތަކުގެ އަސަރު ކުޑަ ކުރުވަ އެވެ.

ފުއްޕާމޭގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ނޭވާ ހިއްލުން، ނިއުމޯނިއާ، އަދި ކެއްސުންބަލި ފަދަ ތަފާތު އެތައް ބައްޔަކަށް ލޮނުމެދު ބޭނުންކުރުމުން ލުއި ލިބިގެންދެ އެވެ.

ހަމައެއާ އެކު ތަދު އަދި ރިހުން ކެނޑުވުމަށް ލޮނު މެދެ މިހާރު ވެސް ބޭނުންކުރަމުން ދާއިރު ބަނޑުގައި ރިއްސުން އަދި ކަންފަތުގައި ރިއްސުމަށް ޝިފާ ހޯދުމަށް ވެސް ލޮނުމެދު ބޭނުންކުރެވިދާނެ އެވެ.

ލޮނުމެދުން ކިތަންމެ ގިނަގުނަ ސިއްހީ ފައިދާތަކެއް ލިބުނު ކަމުގައި ވިޔަސް އެ ބޭނުންކުރުމުގެ ކުރިން ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް ހުރެ އެވެ. އެގޮތުން ލޮނުމެދަށް އެލާޖިކްވާ ކަމުގައިވާ ނަމަ ރޮލަށް ބޭނުންކޮށްގެން ނުވާނެ އެވެ. އަދި ލޮނުމެދު ބޭނުން ކުރުމުން ބޮލުގައި ރިއްސުމާއި ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލުތަކެއް އަންނަ ކަމުގައިވާ ނަމަ ބޭނުންކުރުން ރަނގަޅެއް ނޫނެވެ.