މިއަދު މެންދުރުގެ ވަގުތެއްގައި ވެއްޓުނު އެއާ އިންޑިއާގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ އަހްމަދުއާބާދުގެ މެޑިކަލް ކިޔަވާ ދަރިވަރުންނާއި ޑޮކްޓަރުން ތިބޭ ހޮސްޓެލްއަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އާބާދުގައި ހުންނަ ބީޖޭ މެޑިކަލް ކޮލެޖްގެ ހޮސްޓެލްއަށް ބޯޓު ވެއްޓުމުގެ ހާދިސާގައި އެތާންގައި ދިރިއުޅުނު ފަސް ދަރިވަރުން މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

އިންޑިއާއިން 242 މީހުންނާއެކު ލަންޑަނަށް ދަތުރު ކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ.

ހާދިސާއާ ގުޅޭ ފޮޓޯތައް މުޅި ޝޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ބޯޓު ވެއްޓުނު ވަގުތު ހޮސްޓެލްގެ ގިނަ ދަރިވަރުން ތިބީ ކާ ކޮޓަރީގައި ކާން ތިބިކަން ފާހަގަކުރެވެ އެވެ. އެގޮތުން ބޯޓުގެ ބައިތައް ހޮސްޓަލުގެ މެސްރޫމުން ފެންނައިރު، އެތަނުގައި ކާ އެއްޗެއްސާއެކު ހުރި ތަށިތައްވެސް ފެންނަން ހުއްޓެވެ.

މި ހާދިސާގައި އެމްބީބީއެސް ކިޔަވާ ގިނަ ދަރިވަރުންތަކަކަށް އެކިވަރުގެ އަނިޔާ ވެ ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި 40 ޑޮކްޓަރަކު ޒަހަމްވެފައިވާ އިރު އެކަކުގެ ހާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ވެއްޓުނު މަތިންދާ ބޯޓުގެ ބައެއް އިމާރާތުގެ ތެރޭގައި

ބައެއް ދަރިވަރުން ހާދިސާ ހިނގި ވަގުތު އިމާރާތުގެ ބައެއް ފަންގިފިލާތަކުން ފުންމާލާފައިވެސް ވެއެވެ.

މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ސަލާމަތް ކުރެވުނު އަދަދު ސާފުނުވާއިރު، މިހާތަނަށް 120 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހެކެވެ.