އާއިލާ ބޮޑުކުރާއިރު ދެވަނަ ދަރިއަކަށް ވެސް ބޭނުންވަނީ ހަމަ އަންހެން ކުއްޖެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ބުނެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ އޭނާގެ އާއިލާ ބޮޑު ކުރަން ބޭނުންވާ ކަމަށާއި ދެން ވެސް އުއްމީދުކުރަނީ އަންހެން ކުއްޖަކަށް ކަމަށް ބުނެފަ އެވެ.

ރަންބީރު ބުނީ އޭނާ އަބަދުވެސް އަންހެން ދަރިއަކު ބޭނުންވާ ކަމަށާއި ރަހާ ލިބުމުން އޭނާގެ އެ ހުވަފެން ހަގީގަތަކަށް ވި ކަމަށެވެ. އެއާއެކު އަދިވެސް ދަރިން ބޭނުންވާ ކަމަށް ރަންބީރު ބުންޏެވެ.

2022 ވަނަ އަހަރު ރަންބީރުއާއި އޭނާގެ އަންހެނުން އާލިއާ ބަޓްއަށް ރަހާ ކަޕޫރު ލިބުނުއިރު ރަންބީރު އަންނަނީ ދޭތެރެ ދޭތެރެއިން ބައްޕައަކަށްވުމުގެ ތަޖުރިބާ ހިއްސާ ކުރަމުންނެވެ.

"ދަރިއަކު ލިބުމަކީ އަހަރެންގެ ހަޔާތް ފުރިހަމަ ކޮށްދިން ކަމެއް. އެއީ ބުނެދޭން ވެސް ނޭނގޭ ކަހަލަ ހާއްސަ އިހުސާސެއް،" ރަންބީރު ބުންުޏެވެ.

ރަންބީރު އިތުރަށް ބުނީ ރަހާ ބޮޑުވުމަށްފަހު ކޮންމެ ރޮނގަކުން ކުރިއަށް ދާން ބޭނުންވި ކަމުގައި ވިޔަސް އޭނާގެ ފުރިހަމަ އެއްބާރުލުން އެކަމަށް ދޭނެ ކަމަށެވެ.

އަންހެން ދަރިއަކު ބޭނުންވާ ކަމަށް ރަންބީރު ބުނެފައިވާއިރު އޭނާގެ އަންހެނުން އާލިއާ ވަނީ ފިރިހެން ކުއްޖެއް ބޭނުންވާ ކަމަށް ބުނެ ފިރިހެން ކުދިންގެ ނަންތައް ވެސް ބަލާފައިވާ ކަމަށް ބުނެފަ އެވެ.