އީދެއް ބޯމަތިވެގެން އަންނައިރު އަބަދުވެސް އިވޭ ޝަކުވާ އެކެވެ. ރާއްޖެ ތެރޭގައި ދިރިއުޅޭ މީހުންނާ ޚިލާފަށް ވެރިރަށް މާލެއާއި މާލެ ހިމެނޭ ސަރަހައްދުގައި އުޅޭ މީހުންނަށް އީދުގެ ފޯރި ނުފެންނަ ކަމެވެ.
އެހެން ނަމަވެސް މިފަހަކަށް އައިސް އެކަން އަންނަނީ ބަދަލުވަމުންނެވެ. އެގޮތުން މިއަހަރަކީ ވެސް މާލެ ސިޓީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މަޖާ އީދަކަށް ވާނެ އެވެ.
ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން މިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އީދުގެ އުފަލާއި މަޖާ ތަޖުރިބާ ކުރެވޭނެ ގޮތް ހަދައިދީފަ އެވެ.
އެގޮތުން ހުޅުމާލެއަކީ މިފަހަރުގެ އަޟްހާ އީދު ރަސްމީކޮށް ފާހަގަކުރާ ރަށްތަކުގެ ތެރެއިން ރަށަކަށް ވާއިރު ހުޅުމާލޭގައި އެކަނިވެސް ފާހަގަ ކޮށްލެވޭ ގިނަ ކަންތައްތަކެއް ރޭވިފައި އެބައޮތެވެ.
އެގޮތުން ރާއްޖެތެރެއެކޭ އެއްފަދައިން އީދު ވެދުމާ ދިއުމާއި އީދު ހުޅު ޖެހުމަކީ ވެސް މިއަހަރު ހުޅުމާލެއިން ފެނިގެންދާނެ ކުޅިވަރު ތަކެއްކަން ފާހަގަކޮށްލެވެ އެވެ.
އެއާއެކު އީދު ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިތުރުން އެ ދުވަހުގެ ހަވީރު ކުޑަކުދިންނަށް އަމާޒު ކޮށްގެން ބާއްވާ އީދު ހަވީރަކީ ވެސް އާއިލާތަކަށް ހާއްސަ ހަރަކާތެކެވެ.
މި ހަވީރުގައި ދިވެހި ރާއްޖޭގެ ދިފާއީ ބާރުގެ ތަފާތު ހަރަކާތްތަކެއް ހިމެނޭއިރު ކުޑަކުދިން ޝައުގުވެރިވާނެ ފަދަ ގިނަ ކުޅިވަރުތަކެއް އެ ހަވީރުގައި ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ވެސް އީދު ބަންދުގެ ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު ވެސް މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ޝޯތައްު ވެސް ވަނީ ރޭވިފަ އެވެ.
އެހެން ކަމުން މިފަހަރުގެ އީދަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ވެސް ފޫހި އީދަކަށް ނުވާނެކަން ހަމަ ޔަގީނެވެ. އާއިލާއާއި ރަހުމަތްތެރިންނާއެކު މި އީދުގެ މަޖަލުގައި ބައިވެރިވާންވީ އެވެ.