ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބު، އެ ގައުމުގެ ލިބަރަލް ޕާޓީގެ ކެނޑިޑޭޓް ލީ ޖައެމިއުން ކާމިޔާބު ކުރައްވައިފި އެވެ.

މިއީ އެގަައުމުގައި ކުރީގައި ވެރިކަމުގައި ހުންނެވި ޔޫން ސުކް ޔޯލް މާޝަލް ލޯ އިއުލާނުކުރުމާ ގުޅިގެން އޭނާ ރައީސް ކަމުން ދުރުކުރުމަށްފަހު ބޭއްވުނު ފުރަތަމަ އިންތިހާބެވެ.

ދެކުނު ކޮރެއާގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 44.39 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، މިއީ 1997ގެ ފަހުން އެ ގައުމުގައި ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ރައްޔިތުން ވޯޓް ދިން އަހަރެވެ.

މީގެ ތެރެއިން 99 އިންސައްތަ ވޯޓު މިހާރު ގުނާފައިވާއިރު، 49.3 އިންސައްތަ އާއެކު ކުރީގައި ލީ އުޅުއްވާއިރު، އޭނާ އާ ވާދަކުރައްވާ ޕީޕީޕީގެ ކެނޑިޑޭޓް ކިމް މޫން ސޫއަށް ލިބިފައިވަނީ 41.3 އިންސައްތަ ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ލީ ވިދާޅުވީ ދެކުނު ކޮރެއާ އަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަންނާނެ ކަމަށާއި އުތުރު ކޮރެއާ އާއެކު ގޯސްވެފައިވާ ގުޅުން ރަނގަޅުކޮށް ވިޔަފާރީގެ ގުޅުން ގާއިމުކުރާނެ ކަމަށެވެ.