އެޗްޕީއޭ އިން އިންތިޒާމުކޮށްގެން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށް އާޓިފިޝަލް ބީޗްގައި ބޭއްވި މި ހަރަކާތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ. އަދި މި ހަރަކާތުގައި ހޮސްޕިޓަލުން ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް ލިބެންހުރި ފަރުވާތަކާއި ޚިދުމަތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެ އެވެ.

ސިއްހީ ހޭލުންތެރިކަމުގެ މައުލޫމާތުގެ އިތުރުން އެކި ބާވަތުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް މި އިވެންޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކުގެ ޚާއްސަ ކޮންސަލްޓަންޓް ޑރ. ޝަޖީ ވަނީ ބައިވެރިވެ، އާންމުންނަށް ދުންފަތާ ދުރުހެލިވުމުގެ މުހިންމު މަޢުލޫމާތު ހިއްސާކޮށްދެއްވާފަ އެވެ. ޑރ. ޝަޖީ އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމުގެ ޚާއްސަ ފަރުވާ ފޯރުކޮށްދޭ އެޑިކްޝަން ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާ އަދި އިންޑިއާގައި މީގެ ކުރިން މި ފަރުވާ ފޯރުކޮށްދީފަ އެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ހަރަކާތްތަކުގައި ވީހާވެސް ގިނައިން ބައިވެރިވެ، ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދީ، މުޖުތަމަޢުގެ ސިއްހީ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދެމުން" އަންނަކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ގަސްދުކުރާކަން ފާހަގަކޮށްފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ހިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.