ކައިވެނި ރޫޅުނުތާ ދެ އަހަރު ފަހުން ހޮލީވުޑްގެ ތަރި ޖޯ ޖޯނަސް އޭނާގެ ކުރީގެ އަންހެނުން ސޯފީ ޓާނާއަށް ތައުރީފުގެ ބަސްތައް އޮއްސާލައިފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖޯ ވަނީ ކައިވެނި ރޫޅުމަށްފަހު އެ ދެމަފިރިންނަށް ލިބިފައިވާ ދަރިން ތަރުބިއްޔަތު ކުރަމުން އަންނަ ގޮތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ސޯފީއަކީ އޭނާގެ ދެ ދަރިންނަށް ލިބޭނެ އެންމެ ރަނގަޅު މަންމަ ކަމަށާއި މައެއްގެ ރޯލު ވަރަށް ރަނގަޅަށް ސޯފީ އަދާކުރާ ކަމަށް ވެސް ޖޯ ބުނެފައިވެ އެވެ.
އެއާއެކު ކައިވެނި ރޫޅިފައިވީ ނަމަވެސް ދަރިންގެ ކަންކަމުގައި ދެ މީހުން ވެސް އެކަކު އަނެކަކަށް އެއްބާރުލުން ދީގެން އުޅެވޭތީ ޝުކުރުވެރިވާ ކަމަށް ވެސް ޖޯ ބުންޏެވެ.
2019 ވަނަ އަހަރު ކައިވެނިކުރި ޖޯއާއި ސޯފީ 2023 ވަނަ އަހަރު ވަކިވި ނަމަވެސް ގާނޫނީ ގޮތުން ވަރީގެ ކަންކަން ހަމަޖެހުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
އެ ދެމީހުންގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އެއީ އުމުރުން ހަތަރު އަހަރުގެ ވިލާއާއި ދެ އަހަރުގެ ޑެލްފައިން އެވެ.