ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 22، ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ރައުދު ހައްޔަރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް، ރައުދު ބަންދުން މީގެ ކުރިންވެސް ދޫކޮށްލި އެވެ. އޭގެ އިރުކޮޅެއްފަހުން އޭނާ އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތުގެ ގޮތުގައި 5 ދުވަސް ޖެހުމަށްފަހު އަނެއްކާވެސް އިއްޔެ ރައުދު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނިގޮތުގައި ރައުދު ބަންދުން ދޫކޮށްލީ ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދުދީފައި ވާތީކަމަށެވެ.
މިކަމާ ގުޅިގެން މިއަދު ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަދި ޕަބްލިކް ޕްރޮސެކިއުރު އަހުމަދު ޝަފީއު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ.
މި ޕޯސްޓުގައި ޝަފީއު ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތަކީ އެ މީހަކަށް ކުރެވޭ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ އިތުރުވާ މުއްދަތެއް ނަމަ، އާންމުކޮށް ވެސް އެ މީހަކު ބަންދުން ދޫކޮށްލުމުގެ އިރުޝާދު ޕީޖީން ދޭ ކަމަށެވެ.
މީގެ ކުރިން ޝަފީއު ވިދާޅުވި ގޮތުގައި ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ.
އެރޭ ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ދައުވާ އެވެ.
މި ހާދިސާގައި އަނިޔާވި ޔުމްނު އިތުރު ފަރުވާ އަށް މެލޭޝިއާއަށް ގެންގޮސްފައިވާއިރު، އާއިލާއިން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ފުލުހުން ވަނީ ޔުމްނުގެ ބަޔާން ނަގަން މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.
އެހެންނަމަވެސް އާއިލާއިން ވަނީ ފުލުހުންގެ މިވާހަކަތައް ދޮގުކޮށްފަ އެވެ.