ކުރިއަރަމުން އަންނަ ސްޓެމް ސެލް ތެރަޕީއިން ހަކުރު ބަލީގެ ވައްތަރެއް ކަމަށްވާ ޑައިބެޓީސް ޓައިޕް 2ގެ ފަރުވާއަށް އާ އުއްމީދެއް ލިބިފައިވާ ކަމަށް މާހިރުން ވިދާޅުވެއްޖެ އެވެ.
ސްޓެމް ސެލް ތެރަޕީއަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއްގެ އަމިއްލަ ހަށިގަނޑުގެ ސްޓެމް ސެލްތައް، އިންސިއުލިން އުފައްދައިދޭ ސެލްތަކަށް ބަދަލުކުރުވާ ފަރުވާ އެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ސްޓެމް ސެލްއަކީ އޭގެ އަމިއްލަ ޒާތުގައި ހަށިގަނޑުގެ އެކި ގުނަވަންތަކުން ކުރާ މަސައްކަތްތައް ކުރާ ސެލް އެކެވެ. ނަތީޖާއަކީ ގިނަ ބަލިތަކެއްގެ ފަރުވާއެއްގެ ގޮތުގައި ސްޓެމް ސެލް ތެރަޕީ ބޭނުން ކުރެވުމެވެ.
ސްޓެމް ސެލް ފަރުވާއިން ހަކުރު ބަލީގެ ޓައިޕް 1 ތަހައްމަލުކުރި އަންހެނަކު އެއްކޮށް ރަނގަޅުވެފައިވާއިރު ޓައިޕް 2 އަށް މި ފަރުވާ ބޭނުން ކުރަން ކުރަންޖެހޭ ތަހުލީލުތައް އަންނަނީ ކުރެވެމުންނެވެ.
ދުނިޔޭގައި އެންމެ އާއްމު ހަކުރު ބަލީގެ ވައްތަރު ކަމަށްވާ ޓައިޕް 2 ޑައިބެޓީސްއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރާ ހޯމޯން ކަމަށްވާ އިންސިއުލިންގެ ބާރު ކަނޑުވައިދޭ ބައްޔެކެވެ.
ހަކުރު ބައްޔަކީ ފަރުވާ ނުކޮށްފިނަމަ ދިގު މުއްދަތުގައި ފުރާނައަށް ގެއްލުންވާ ފަދަ ހާލަތްތަކެއް ވެސް މެދުވެރި ކުރުވާ ބައްޔެއް ކަމުން އެ ބައްޔަށް ފަރުވާތެރިވެ ތިބުމަކީ މާހިރުން އަބަދުވެސް ލަފާދޭ ކަމެކެވެ.