އިންޑިއާގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާ ސިފައިންގެ އާއިލާތަކަށް ބޮލީވުޑްގެ އެކްޓަރު އަދި ވިޔަފާރިވެރިޔާ ޕްރިތީ ޒިންތާގެ ފަރާތުން މާލީ އެހީތެރިކަން ދީފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ޕްރިތީ ވަނީ އިންޑިއާ އަސްކަރިއްޔާގެ ހުޅަނގު ދެކުނު ކޮމާންޑްގެ ދަށުން ހިންގާ އާމީ ވައިވްސް ވެލްފެއާ އެސޯސިއޭޝަންއަށް އެއް ކްރޯޑް ރުޕީސް ހަދިޔާ ކޮށްފަ އެވެ.
މިކަމަށްޓަކައި ބޭއްވި ހަފްލާގެ ބައެއް ވީޑިއޯތައް ޕްރިތީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާއިރު އެ ވީޑިއޯތަކުގައި އޭނާ ވަނީ އިންޑިއާ އަސްކަރިއްޔާގެ ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް ތައުރީފު ކޮށްފަ އެވެ.
އެގޮތުން އަސްކަރިއްޔާގެ ސިފައިންގެ ކެރުންތެރިކަން ފާހަގަކޮށް އެއަށްވުރެ ވެސް އެ ސިފައިންގެ އާއިލާތަކުގެ ހިތްވަރު ގަދަ ކަމަށް ޕްރިތީ ބުނެފައިވެ އެވެ.
ޕްރިތީ މި ބީދައިން ވާހަކަ ދެއްކާފައި މިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޕާކިސްތާނަށް ނިސްބަތްވާ ކަމަށް ބުނާ ޓެރަރިސްޓުންގެ ހަމަލާއެއްގައި އިންޑިއާގެ ޕަހަލްގަމްއިން 26 ފަތުރުވެރިން މަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި ހަމަލާއާއެކު އިންޑިއާއާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެފައި ވެފާއިރު އެ ދެ ގައުމުގެ މެދުގައި އަސްކަރީ ހަމަލާތަކެއް ވެސް ބަދަލު ކުރެވިފައިވެ އެވެ.
ހަމައެއާއެކު އިންޑިއާގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ އެކްޓަރުންނާއި ލަވަކިޔުންތެރިންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު އެ ތަރިންނަށް ލިބިފައިވާ ފުރުސަތުތައް ވެސް ވަނީ އަތުލާފަ އެވެ.