ލަންޑަން (23 މޭ) - މޮރިޝަސް އާއި ޗާގޯސް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިނގިރޭސިވިލާތުން ސޮއިކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ މިއީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ މަސްލަހަތު ބޮޑު އަސްކަރީ ބޭސް، ޑިއޭގޯ ގާސިއާ (ފޯޅަވަހި) ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ޑިއެގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ނަގައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) ދައްކަން ޖެހޭނެ ކަމަށާއި އެއާއެކު 99 އަހަރަށް 3.4 ބިލިއަން ޕައުންޑް ހޭދަވާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން ކަނޑައެޅި ވަގުތަށް ވުރެ ލަހުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޯޓު އަމުރަކުން މިކަން ހުއްޓުވުމާއި ގުޅިގެންނެވެ. މިގޮތުން ޗާގޯސް އަށް ނިސްބަތްވާ ދެ އަންހެނުން ވަނީ ޗާގޯސް އަކީ މޮރިޝަސްގެ ތަނަކަށް ނުވާނެ ކަމަށް ބުނެ ދައުވާކޮށްފަ އެވެ.

ބާނަޑެޓް ޑުގައްސޭ އަދި ބާޓްރިސް ޕޮމްޕޭ މިފަދައިން މައްސަލަ ޖެއްސީ، މޮރިޝަސް އަށް ޗާގޯސް ލިބިއްޖެ ނަމަ އެތަނަށް އަނބުރާ ދިއުމަށް ދަތިތައް ކުރިމަތިވާނެ ކަމަށް ބުނެ އެވެ. އެހެންނަމަވެސް އިއްޔެ ކޯޓުގައި ބޭއްވި މި މައްސަލާގެ އަޑުއެހުމަށްފަހު މި ވަގުތީ އަމުރު ވަނީ ބާތިލުކޮށްފަ އެވެ.

1814 އިން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް އެ ސަރަހައްދުގައި މޮރިޝަސް އިން ޗާގޯސް ވަކިކުރަން ނިންމީ ބްރިޓިސް އިންޑިއަން އޯޝަން ޓެރިޓަރީ ގާއިމުކުރުމަށްޓަކައި 1965 ވަނަ އަހަރު އެވެ.

ޗާގޯސް އަލުން އަނބުރާ މޮރިޝަސް އަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމީ އެމެރިކާގެ ވެސް ރުހުމާ އެކު އެވެ. -- އަލްޖަޒީރާ