ބްލޭކް ލައިވްލީއާއެކު ކުރިއަށްދާ ގާނޫނީ ކޯޅުމުގެ ތެރެއިން ޖަސްޓިން ބެލްޑޯނީއާއި އޭނާގެ އަންހެނުން އެމިލީ ބެލްޑޯނީގެ ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ ދެމީހުންނާ ގާތް ފަރާތަކާ ހަވާލާދީ ހޮލީވުޑް ރިޕޯޓާ ނޫހުން ބުނެފައިވަނީ ޖަސްޓިންއާއި އެމިލީގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ނުތަނަވަސްކަމަކީ މިހާރު ކުރިއަށްދާ ގާނޫނީ ކޯޅުމުގެ ސަބަބުން އުފެދުނު ނުތަނަވަސްކަމެއް ކަމެއް ޔަގީންވެފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހަމަނުޖެހުންތަކާއެކު ވެސް ޖަސްޓިންއާއި އެމިލީ އަންނަނީ އެމީހުންގެ ކައިވެނި ދަމަހައްޓަން ގަދައަޅާ މަސައްކަތް ކުރަމުންނެވެ.
އެއާއެކު 2013 ވަނަ އަހަރު ކައިވެނިކުރި އެ ދެމީހުންނަށް މިވަގުތު އެމީހުންގެ އެންމެ ގާތް އެކުވެރިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބެމުން އަންނަ ކަމަށް ވެސް އެ ފަރާތުން ހާމަކުރެ އެވެ.
ޖަސްޓިންއާ ދެކޮޅަށް ބްލޭކް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާ ކޯޯޓުން ބަލައިގަނެފައިވާއިރު އެ މައްސަލައިގެ ޝަރީއަތް ތާވަލު ކުރެވިފައިވަނީ 2026 ވަނަ އަހަރަށެވެ.