ޒުވާނުން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފި އެވެ.
އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް ރޭ ފުލުހުން ހުރަސްއަޅައި ހައްޔަރުކޮށްފައިވަނީ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝިމަން އަޙުމަދާއި މި ސަރުކާރުގައި ކުރިން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދެވެ.
މި ދެ ޒުވާނުން ދޫކޮށްލުމަށް ބައެއް ސިޔާސީ ޕާޓީތަކުންވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ފުލުހުން ރޭގެ މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފުލުހުންގެ އިދާރާއަށް ފާޑުކިޔަމުންނެވެ.
ރޭގެ އިހްތިޖާޖު ރޫޅާލި ސަބަބު ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އިހްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދިޔަ ކަމަށެވެ.
މީގެ އިތުރުން މިއަދު ޖީސީއީ އޯލެވަލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ އެކިރޭ މަތީން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދީފައިވާނެކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.