މިދިޔަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 997 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބުނެފި އެވެ.

އެމްއެމްއޭ އިން އާއްމުކުރި އެ އިދާރާގެ މިދޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އެމްއެމްއޭ އިން ވަނީ ޖުމްލަ 997.7 މިލިއަން ޑޮލަރު ވިއްކާފަ އެވެ.

މީގެ ތެރެއިން 65.3 ޕަސެންޓް ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 651.8 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

ބާކީ 34.7 އިންސައްތަ ވިއްކާފައިވަނީ ކޮމާޝަލް ބޭންކު ތަކަށެވެ. އެއީ 346 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވިއްކާ 500 ޑޮލަރު ވެސް ހިމެނެ އެވެ.

މިދިޔަ އަހަރާއި ހިލާފަށް 2023 ވަނަ އަހަރު އެމްއެމްއޭއިން ވިއްކާފައިވަނީ 995 މިލިއަން ޑޮލަރެވެ. އެއީ އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 687.8 މިލިއަން ޑޮލަރު އަދި ބޭންކްތަކަށް 307.6 މިލިއަން ޑޮލަރެވެ.