ފިލްމެއްގެ ޓްރެއިލާއަކީ ބެލުންތެރިންގެ ޝައުގުވެރިކަން އެ ފިލްމަކަށް ދަމައިގަންނަން ޕްރޮޑިއުސަރުން ބޭނުން ކުރާ އެންމެ އާއްމު އުކުޅެވެ. އެހެން ނަމަވެސް ބައެއް ފަހަރު ހީނުކުރާ ގޮތްގޮތަށް ވެސް ކަންތައްވެ އެވެ.

"ނައު ޔޫ ސީ މީ 3"ގެ ޕްރޮޑިއުސަރުންގެ ހާލަކީ ވެސް އެއީ އެވެ. އެ ފިލްމުގެ ޓްރެއިލާ ރިލީޒް ކުރިއިރު މީގެ ކުރިން ރިލީޒް ކުރެވުނު ދެ ފިލްމަށް ލިބުނު ތަރުހީބު މި ފިލްމުގެ ޓްރެއިލާއަށް ވެސް ލިބޭނެ ކަމަށް އެމީހުން އުއްމީދުކުރި އެވެ.

އެހެން ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްގެން ދުވަސްތަކެއް ވެފައިވާއިރު ޔޫޓިއުބްގައި ވެސް އެ ޓްްރެއިލާއަށް ލިބިފައިވަނީ ނިސްބަތުން މަދު ވިއުސްތަކެކެވެ.

https://www.youtube.com/watch?v=-E3lMRx7HRQ

މިކަމުން އަރައިގަންނަން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ މުޅިން އާ އުކުޅެއް ބޭނުން ކޮށްފަ އެވެ. އެ ޓީމުން ވަނީ މަޝްހޫރު ޓައިމް ސްކޮއާގައި އެ ޓްރެއިލާ ދައްކާ މަންޒަރު ޓިކްޓޮކުން ލައިވްސްޓްރީމް ކޮށްފަ އެވެ.

އެއާއެކު އެ ލައިވްސްޓްރީމަށް ވަތް ކޮންމެ މީހަކަށް 119 އެމެރިކާ ޑޮލަރު ދިނުމަށް ވެސް ފިލްމުގެ ޕްރޮޑިއުސަރުން ގަސްދުކުރި އެވެ. ނަތީޖާއަކަށްވީ އެތައް ހާސް ބަޔަކު އެ ލައިވްސްޓްރީމް ބެލުމެވެ.

ފައިސާ ބަހައިގެން ވެސް ބެލުންތެރިންގެ ޝައުގުވެރިކަން އެ ފިލްމަށް ދަމައިގަންނަ ގޮތެއް ނުވި އެވެ. ލައިވްސްޓްރީމް ބެލި ގިނަ ބަޔަކު ވަނީ އެ ޓްރެއިލާގައި ކަމުދާ އެއްވެސް ކަމެއް ނެތް ކަމަށް ބުނެފަ އެވެ.

އެއާއެކު ފިލްމެއް ބަލަން ފައިސާ ބެހުމަކީ މުޅިން އާ ފެންވަރެއް ކަމަށާއި އެއިން ވެސް އަންގައިދެނީ ފިލްމުގެ ފެންވަރު ދަށްކަން ކަމަށް އެމީހުން ބުނެ އެވެ.