އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ 741 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތިގައި ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައިއިރު 6 ޕަސެންޓްގެ ދަށްވުމެކެވެ.
އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި، ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުން ކަމަށެވެ. އެހެން ނަމަވެސް، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ވަނީ ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އާމްދަނީ ދަށްވުމާއެކު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓްގެ ދަށްވުމެކެވެ.
އެސްޓީއޯގެ ހިންގުމުގެ ހަރަދުވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 ޕަސެންޓް ދަށްކޮށްފައިވެ އެވެ. އެހެން ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއެކު ޖުމްލަ ފައިދާ ދަށްވެފައިވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ލިބިފައި ވަނީ 741 މިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 818.2 މިލިއަން ރުފިޔާ އެވެ.